ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ކުލަބު ބަދަލު ކުރަން މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.
ފްރާންސްގެ މިޑްފިލްޑަރުގެ އެޖެންޓް މިނޯ ރައިއޯލާ ބުނީ މި ވަގުތަކީ އާ ޗެލެންޖްތަކަށް ކުރިމަތިލާން ޕޮގްބާ އަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ. ރައިއޯލާ ބުނީ ކުލަބު ބަދަލު ކުރަން ބޭނުންވެފައި ހުރުމުން އޮސްޓްރިއާ އަށް ޔުނައިޓެޑް ކުރާ ދަތުރުގައި ޕޮގްބާ ނުފެނުން ވަރަށް ގާތް ކަމަށެވެ. އަދި މި ހަފުތާގައި ޕްރީސީޒަން ތަމްރީނުތަކަށް ކުޅުންތެރިޔާ ހާޒިރުނުވީ ވެސް ކުލަބު ބަދަލު ކުރަން ބޭނުންވެފައި ހުރުމުން ކަމަށެވެ.
ޕޮގްބާ ހޯދުމަށް ދެ ކުލަބަކުން ޝައުގުވެރިވެ އެވެ. އެއީ އޭނާގެ ކުރީގެ ކުލަބު އިޓަލީގެ ޔުވެންޓަސް އާއި ސްޕޭނުގެ ރެއާލް މެޑްރިޑް އެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ޕޮގްބާ ދިޔުން ގާތީ ރެއާލް މެޑްރިޑަށެވެ. އެކުލަބުގެ ކޯޗު ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާން ވަނީ އެތައް ފަހަރަކު ޕޮގްބާ އަށް ތައުރީފްކޮށްފަ އެވެ. އަދި ޒިދާނާއެކު މަސައްކަތް ކޮށްލަން ބޭނުންވާކަމަށް ޕޮގްބާވެސް ވަނީ ބުނެފަ އެވެ.
ރައިއޯލާ ބުނީ ޔުނައިޓެޑުގެ ވެރިންނާއި ކޯޗާއި ކުޅުންތެރިންނަށް ވެސް ޕޮގްބާ އެކުލަބު ދޫކޮށްލަން ބޭނުންވާކަން މިހާރު އެނގޭނެ ކަމަށެވެ.