ވިޔަފާރި

އިންޑިއާގެ ކުދި ވިޔަފާރިތަކަށް ބޭރުގެ މާލީ އިދާރާތަކުން އެހީ ހޯދަނީ


ބޭރުގެ މާލީ އިދާރާތަކުން އިންޑިއާގެ ވިޔަފާރިވެރިންނަށް ލޯނު ދޫކުރާ މިންވަރު އިތުރުކުރުމަށް އިންޑިއާ ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ޚަބަރުތައް ބުނާގޮތުން އިންޑިއާ ސަރުކާރުން ގެންދަނީ 14.5 ބިލިއަން ޑޮލަރު ނުވަތަ 1 ޓްރިލިއަން އިންޑިއަން ރުޕީޒްގެ ލޯނު އެޤައުމުގެ ވިޔަފާރިވެރިންނަށް ހޯދައިދިނުމަށްޓަކައި ބޭރުގެ އެކި މާލީ އިދާރާތަކާ މަޝްވަރާކުރަމުންނެވެ. އޭގެ ތެރޭގައި ވޯލްޑް ބެންކު، ޖަރުމަންވިލާތުގެ ކޭ.އެފް.ޑަބްލިޔު ގްރޫޕް އަދި ކެނެޑާގެ ބައެއް އިދާރާތައް ހިމެނެއެވެ. މިފަރާތްތަކާއެކު ކުރިއަށްދާ މަޝްވަރާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަނީ އިންޑިއާގެ ވިޔަފާރިވެރިންނަށް ދޭ ކްރެޑިޓް ލައިން އިތުރުކުރުމަށްކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިއާ ސަރުކާރުގެ ބައެއް އޮފިޝަލުން ބުނާގޮތުން ބޭރުގެ ފަރާތްތަކުން ލޯނު ހޯދުމަށް މަސައްކަތްކުރަނީ އިންޑިއާގެ ބެންކުތަކުގައި ވިޔަފާރިތަކަށް ބޭނުންވާ ކެޕިޓަލް ދޫކުރެވެން ނެތީމައެވެ.

ބޭރުގެ މާލީ އިދާރާތަކުން އިންޑިއާގެ ވިޔަފާރިވެރިންނަށް ލޯނު ހޯދައިދިނުމަށް އެޤައުމުގެ ސަރުކާރުން މަސައްކަތްކުރާއިރު، އެކަމުގެ އެއްވެސް ތަފްސީލެއް އިންޑިއާ ސަރުކާރުން ހާމައެއް ނުކުރެއެވެ.

ބޭރުގެ މާލީ އިދާރާތަކުން ލޯނު ހޯދުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އެޤައުމުން ވަނީ 10 ބިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކުމަށް ނިންމާފައިވާކަންވެސް ހާމަކޮށްފައެވެ.

އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް، ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށާފައި މިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހުމާ ގުޅިގެނެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުން ދަނީ އެޤައުމުގެ އިޤްތިޞާދު 5 ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދަކަށް ހެދުމަށްވެސް މަސައްކަތްކުރަމުންނެވެ.