އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ފިރިހެން ޓީމް އިވެންޓުން ރާއްޖޭގެ ޤައުމީ ފިރިހެން ޓީމް ލޯ މެޑަލް ހޯދައިފިއެވެ.
މޮރީޝަސްގައި މިހާރު ކުރިއަށްދާ މުބާރާތުގެ ބެޑްމިންޓަން ޓީމް އިވެންޓުން ރާއްޖޭގެ ޓީމް ލޯ މެޑަލް ހޯދީ ލީގު އުސޫލުން ކުރިއަށްދިޔަ އިވެންޓްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ.
ދިވެހި ޓީމް ބަލިވީ އިއްޔެ މޮރީޝަސް އަދި ރިޔޫނިއަން އަތުންނެވެ. ދެ ޓީމް އަތުންވެސް ދިވެހި ޓީމް ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ. ރިޔޫނިއަން އަތުން މޮޅުވީ އަޖުފާންއާއި ޝާމިއުގެ ޑަބަލްސް ޕެއަރ ވާދަކުރި ޓައިއެވެ. މޮރީޝަސް އަތުން މޮޅުވީ މުޙައްމަދު އަޖުފާން ރަޝީދު ވާދަކުރި ސިންގަލްސް ޓައިއެވެ.
ރާއްޖެއަށް ޓީމް އިވެންޓްގެ ލޯ މެޑަލް ލިބުނީ މިއަދު މަޑަގަސްކަރއާއި ސީޝެލްސް ވާދަކުރި މެޗު ފަސޭހައިން ކާމިޔާބުކޮށްގެންނެވެ. މި ދެ މެޗުވެސް ދިވެހި ޓީމުން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.
ދިވެހި ޓީމަށް މެޑަލް ހަވާލްކުރުން އޮންނާނީ މާދަމާ މޮރީޝަސްއާއި ރިޔޫނިއަން ވާދަކުރާ މެޗަށްފަހުގައެވެ. ފިރިހެން ޓީމް އިވެންޓްގެ ރަން މެޑަލް އަދި ރިހި މެޑަލް ލިބޭނެ ޓީމެއް ޔަގީންވާނީ މި މެޗަށްފަހުގައެވެ.