ކުޅިވަރު

ވޮލީ ޓީމުން ޓީޓީ ޓީމަށް ދިން ސަޕޯޓަށް އެންމެންގެ ތަޢުރީފް އޮހެނީ!


ރާއްޖޭގެ އަންހެން ޓީޓީ ޓީމުން މިހާތަނަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކާމިޔާބީތައް ހޯދީ ގިނަ ގޮންޖެހުންތަކާއިއެކުގައެވެ. މުބާރާތުގައި އެންމެ ޗެލެންޖިންގ މާހައުލެއްގައި މެޗުތައް ކުޅެ މޮޅުވާން ޖެހިފައިވަނީވެސް ޓީޓީ ޓީމަށެވެ. މޮރީޝަސްގެ ސަޕޯޓަރުންނާއި، އެ ސަޕޯޓަރުން ގެންގުޅޭ އަޑުގަދަ ވުވުޒެލާތަކަށް ގޮންޖަހާލައި ރާއްޖޭގެ ޓީޓީ ޓީމުން މިހާތަނަށްވަނީ ތިން މެޑައްޔެއް ހޯދާފައެވެ.

އަޑުގަދަ ސަޕޯޓަރުންނާއި ދިވެހި ޓީޓީ ޓީމްގެ ކުޅުންތެރިން އިއްޔެ ކުރިމަތިލީ ވަރުގަދަ އައްޑަނައެއް ހިފައިގެންނެވެ. އެއީ ދިވެހި ޤައުމީ ފިރިހެން ވޮލީ ޓީމާއި އަންހެން ވޮލީ ޓީމެވެ. ރާއްޖޭގެ އަންހެން ޓީޓީ ޓީމުގެ ޑަބަލްސް ޕެއަރކަމަށްވާ ފާތިމަތު ދީމާ އަލީއާއި އައިޝަތު ރަފާ ނާޒިމް ކުޅުނު ސެމީ ފައިނަލު މެޗުގައި މި ކުޅުންތެރިންގެ އައްޑަނައެއްގެ ގޮތުގައި ވޮލީ ޓީމުން ދެއްކީ އެހެން ހުރިހާ ކުޅިވަރަކަށް ނަމޫނާއެކެވެ.

ފުރަތަމަ ދެ ސެޓުން ދިވެހި ޕެއަރ އޮތީ ބަލިވެފައެވެ. މޮރީޝަސްގެ ސަޕޯޓަރުން އަތް ގަދަ ކޮށްފައިއޮތް ހޯލު ދިވެހި ވޮލީ ޓީމުން ހިސާރުކޮށްލުމާއިއެކު މުޅި މަންޒަރު ބަދަލުވީއެވެ. ޕޮއިންޓަކަށްފަހު ޕޮއިންޓެއް ރާއްޖެއަށް ލިބި ސެޓުތައްވެސް ރާއްޖެ ކޮޅަށް އެނބުރެން ފެށިއެވެ. މޮރީޝަސްގެ އަޑު ގަދަ ސަޕޯޓަރުންގެ އަޑު ކަނޑުވާލީ ވޮލީ ޓީމުގެ ހިތްވަރުން އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފާތިމަތު ދީމާ އަލީ މެޗުގެ ހަވަނަ ސެޓުގައި ފޮނުވާލި ބާރު ޝޮޓާއިއެކު މުޅިތަން ކޯޓު ގުގުމާލިއެވެ. ރާއްޖޭއާއި ހަމައަށް އެ އަޑު ދިޔަ ކަހަލައެވެ. ދެ ކުޅުންތެރިންނަށް މަރުޚަބާ ކިޔުމަށް ފެންސްތައްމަތިން ފުންމާލި ކުޅުންތެރިންގެ ތެރޭގައި ވޮލީ ޓީމްގެ މެންބަރުންވެސް ހިމެނެއެވެ.

މެޗަށްފަހު ރަފާ ބުނީ ވޮލީ ޓީމުގެ ސަޕޯޓުން ބަލިވެފައި އޮތް ވަގުތު އާ ހިތްވަރެއް ލިބުނުކަމަށެވެ. ހަމައެކަނި ދިވެހި ޓީމްގެ ސަޕޯޓަރުންގެ އަޑު އިވޭ ކަހަލައެވެ. އަދި މި ކުޅެވެނީ އަމިއްލަ ޤައުމުގައޭ ހީވާ ކަހަލައެވެ. ދީމާ ބުނީ ރާއްޖޭގެ ސަޕޯޓާއިއެކު މޮރީޝަސްގެ ކުޅުންތެރިންގެ ކުޅުންވެސް ދަށްވިކަމަށައި، އިތުރަށް މެޗުގައި ފޯރިނަގަން އެ ކުޅުންތެރިން ޖެހިލުންވިކަން ފާހަގަވިކަމަށެވެ.

ހަމަ ޔަގީނުންވެސް ޤައުމީ ވޮލީ ޓީމުން އެ ދެއްކީ ޤައުމީ ވަރުގަދަ މިސާލެކެވެ. ވަކި ކުޅިވަރަކަށް ނުުބަލައި ޤައުމީ ކަންކަމުގައި ޤައުމީ ޖޯޝާއި ފޯރި އިސްކޮށްފިނަމަ ކާމިޔާބީ ހޯދަން ފަސޭހަވާނެކަމުގެ މިސާލެވެ.