މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން ޓީޓީ ޓީމްގެ ބޮޑެތި ކާމިޔާބީތަކާއިއެކު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މޮރީޝަސްގެ ސަޕޯޓަރުންގެ ކުރިމަތީގައި އެޓީމް ބަލިކޮށް މެޑަލް ހޯދުންކަމަށް ޤައުމީ ޓޭބަލް ޓެނިސް ޓީމްގެ ކޯޗު އިބްރާހިމް ޝިއުރީ ބުނެފިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، މޮރީޝަސްއަކީ ގަދަ ބާރެކެވެ. 2015ގައި ރިޔޫނިއަންގައި އޮތް ގޭމްސްގެ އެންމެ ކާމިޔާބު ޓީމަކީވެސް މޮރީޝަސްއެވެ. އަދި މިފަހަރުގެ މުބާރާތުގެ ޓޭބަލް ޓެނިސް އަންހެން ބައިގެ ފޭވަރިޓުންނަކީވެސް މޮރީޝަސްއެވެ.
މިފަހަރުގެ މުބާރާތަށް މޮރީޝަސްގެ ޓީމް ތައްޔާރުވެފައި އޮތް މިންވަރު ގޭމްސްގެ ކުރިން އެޓީމްގެ ތަމްރީންތަކުންވެސް ފެނުނެވެ. ކޮންމެ މެޗަކަށް ސަޕޯޓަރުން ޖަމާވާ މިންވަރާއި، ވުވުޒެލާފަދަ އާލާތްތައް ބޭނުންކޮށްގެން ސަޕޯޓްކުރުމުގައިވެސް މޮރީޝަސް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
އެހެންނަމަވެސް މިހާތަނަށް އަންހެން އިވެންޓްތަކުން މޮރީޝަސްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ރޮއްވާލީ ދިވެހި ޤައުމީ ޓީމެވެ. އަންހެން ޓީމް އިވެންޓްގެ ރަން މެޑަލް ދިވެހި ޓީމުން ހޯދީ ދެ ފަހަރަށް މޮރީޝަސް ބަލިކޮށްގެންނެވެ. އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ދީމާއާއި ރަފާގެ ޕެއަރ ހޯދީ މޮރީޝަސްގެ ތިން ޕެއަވެސް އެ ޤައުމުގެ ސަޕޯޓަރުން ކުރިމަތީގައި ބަލިކޮށްގެންނެވެ. އަދި ޑަބަލްސް ދެވަނަ ހޯދި މުއީނާއާއި ޖުމާނާގެ ޕެއަރވެސް ފައިނަލާއި ހަމައަށް އައީ މޮރީޝަސްގެ އެއްވަނަ ޕެއަރ ފަސޭހަކަމާއިއެކު ބަލިކޮށްގެންނެވެ.
މި ކާމިޔާބީތަކަށްފަހު ޤައުމީ ޓީމްގެ ކޯޗު އިބްރާހިމް ޝިއުރީ ބުނީ މޮރީޝަސްގެ ސަޕޯޓަރުންގެ ކުރިމަތީގައި މި ހޯދި ކާމިޔާބީތަކަކީ ފަސޭހަ މަސައްކަތެއް ނޫންކަމަށާއި، ކޯޗެއްގެ ހައިސިއްޔަތުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީވެސް ފޭވަރިޓުން ބަލިކޮށް ޗެމްޕިއަންކަން ހޯދުންކަމަށެވެ. އޭނާ ބުނީ އެއްފަހަރު މެޗަކުން ޓީމެއް ނަސީބަކުން ނުވަތަ އޮޅިގެން މޮޅުވެދާނެކަމަށާއި، އެކަމަކު މިހާތަނަށް އަންހެން އިވެންޓެއްގައި ދިވެހި ކުޅުންތެރިން ބަލިވެފައިނުވުމަކީ ހުރިހާ ގޮތަކުންވެސް މި ގޭމްސްގައި މޮރީޝަސްގެ ސަޕޯޓަރުން މާޔޫސްވާނެކަމެއްކަމަށެވެ.
ޝިއުރީ ބުނީ އިއްޔެގެ ސެމީ ފައިނަލް ފަހު ސެޓުގައި މޮރީޝަސްގެ ސަޕޯޓަރުން އަޑުގަދަ ކުރަން ޖެހިލުންވެފައިވެސް ތިބިކަމަށެވެ. އަދި ސަޕޯޓަރުން އެއްކޮށް މާޔޫސްވެފައި ތިބުމުގެ ސަބަބުން ކުޅުންތެރިންނަށްވެސް އޭގެ އަސަރު ފެނުނުކަމަށް އޭނާ ބުންޏެވެ.
ޝިއުރީ ބުނީ އަބަދުވެސް ރާއްޖޭގެ ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރަން މެޑަލް ހޯދާފައިވަނީ އެންމެ ހައްގުކަން ބޮޑު ގޮތަށްކަމަށްކަމަށް ގަބޫލުކުރާކަމަށެވެ.