ވިޔަފާރި

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ ޝަރަފުވެރި 3 އެވޯޑެއް ދިވެހިރާއްޖެއަށް ލިބިއްޖެ


ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާ އެވޯޑްސްގެ ޝަރަފުވެރި 3 އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްއަކީ ދެކުނު އޭޝިއާގައި ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އަހަރުގެ އެވޯޑަށް 500 އަށް ވުރެ ގިނަ ފަރާތަކުން ވާދަކޮށްފައިވާއިރު މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސިޓީ ހޮޓާ، ރިސޯޓް އަދި ސަފާރީ އުޅަނދު ހިމެނެއެވެ.

ސެޕްޓެމްބަރުމަހުގެ 19 އިން 20 އަށް ސްރީލަންކާގެ އަމާރީ ގާލޭގައި ކުރިއަށް ދިޔަ މިއަހަރުގެ އެވޯޑް ހަފްލާގައި އެކި ދާއިރާތަކަށް ޚާއްސަކޮށްގެން އެވޯޑް ދީފައިވާއިރު ރާއްޖެއަށް ވަނީ ޝަރަފްވެރި 3 އެވޯޑެއް ލިބިފައެވެ. އެއީ ލީޑީންގ ސަރފް ޑެސްޓިނޭޝަން، ލިޑީންގ ހަނީމޫން ޑެސްޓިނޭޝަން އަދި ލީޑިންގ ބީޗް ޑެސްޓިނޭޝަންގެ އެވޯޑެވެ.

ރާއްޖެ މި އެވޯޑުތައް ކާމިޔާބުކޮށްފައިވަނީ އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް ނޭޕާލް އަދި ބޫޓާންއާ ވާދަކޮށްގެނެވެ. މި އެވޯޑުގެ އިތުރުން ރާއްޖެއަށް ލިބިފައިވާ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ލިލީ ލޯންޖްއަށް ލިބުނު ލީޑީންގ އެއަރޕޯޓް ލޯންޖްގެ އެވޯޑު ހިމެނެއެވެ.

ސަރަޙައްދީ ފެންވަރުގައި ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ އިތުރުން، ރާއްޖެއަށް އިތުރު ވަނަތަކެއް ވެސް ލިބިފައިވެއެވެ. އެގޮތުން ސަޓާ އެވޯޑުގެ 37 ކެޓަގަރީން ވާދަކޮށް ރާއްޖެއިން ވަނީ ފަޚުރުވެރި 20 އެވޯޑެއް ހާސިލްކޮށްފައެވެ.

މި އެވޯޑުތަކުގެ ތެރޭގައި ލީޑިންގ އޯލް އިންކްލޫސިވް އެވޯޑާއި ލީޑިންގ ބީޗް ރިސޯޓް، ލީޑިންސް ޑެސްޓިނޭޝަން އެވޯޑް، ލީޑީންގ ޑައިވް ރިސޯޓް، ލީޑިންގ ލިވަރ ބޯޑް، ލީޑީންގ ސަރފް ހޮޓެލް، ލީޑިންގ ޓޫރިސްޓް ޓްރާންސްޕޯޓް، ލީޑިންގ ޓްރެވެލް އޭޖެންޓް އަދި މޯސްޓް ރޮމޭންޓިކް ރިސޯޓު ފަދަ އެވޯޑުތައް ހިމެނެއެވެ.

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ.

2017 ވަނަ އަހަރު އެވޯޑް ހަފްލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާއިރު މިދިޔަ އަހަރު މި ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ މުމްބާއީގައެވެ. އަދި މިއަހަރު މި އެވޯޑް ހަފްލާ ލަންކާގައި ބާއްވާފައިވާއިރު 2020 ވަނަ އަހަރު އެވޯޑު ހަފްލާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.