ކުޅިވަރު

ވިމްބަލްޑަން ޓެނިސް މުބާރާތް ސެރީނާ ކާމިޔާބުކޮށްފި


ވިމްބަލްޑަން
ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް އެމެރިކާގެ ސެރީނާ ވިލިއަމް
ކާމިޔާބުކޮށްފިއެވެ.



މިރޭ
ކުޅުނު މިމުބާރާތުގެ އަންހެން ބައިގެ ފައިނަލްގައި ސްޕެއިންގެ ގާބިން މުގްރުޒާއާ
ވާދަކޮށް ސެރީނާ މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓްތައް ސެރީނާ
ގެންދިޔައީ 4-6 އަދި 4-6 ންނެވެ. މިރޭގެ ގްރޭންޑް ސްލޭމް މުބާރާތަކީ ސެރީނާ
ވިލިއަމްސްގެ ކެރިއަރުގައި ކާމިޔާބުކުރި އެކާވީސްވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ.
އަދި މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރި އަންހެން ކުޅުންތެރިޔާ ކަމަށްވާ
ޖަރުމަނުގެ ސްޓެފީ ގްރާފްގެ ރިކޯޑާ އަރާ ހަމަކުރުމަށް ސެރީނާއަށް މިހާރު
ބޭނުންވަނީ އެންމެ ގްރޭންޑް ސްލޭމް މުބާރާތެކެވެ. ގްރާފް ވަނީ ބާވީސް ގްރޭންޑް
ސްލޭމް ކާމިޔާބުކޮށްފައެވެ. 



މިރޭގެ ކާމިޔާބީއާއިއެކު އުމުރުން ތިރީސް ތިން އަހަރުގެ
ސެރީނާ ވެގެންގޮސްފައި ވަނީ ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކުރި އެންމެ
ދުވަސްވީ ކުޅުންތެރިޔާއަށެވެ. އަދި މި މުބާރާތާއިއެކު އަހަރުގެ ހަތަރު ގްރޭންޑް
ސްލޭމް މުބާރާތް ޖެހިޖެހިގެން  ކާމިޔާބުކުރުމުގެ ޝަރަފްވެސް ސެރީނާ ވަނީ ހޯދާފައެވެ. 



މީގެކުރިން ސެރީނާ ވަނީ، އޮސްޓްރޭލިއަން އޯޕަން އަދި
ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.