ވިޔަފާރި

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި 54.2 ބިލިއަން ރުފިޔާގައި!


މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި 54.2 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ މަޢުލޫމާތުތަކުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ވަނީ ޖީޑީޕީގެ 62 އިންސައްތައަށް އަރާފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި 54.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު މިއީ އޭގެ ކުރީ އަހަރު ދައުލަތުގެ ދަރަނީގެ ގޮތުގައި ހުރި 48.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު ޢަދަދެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނީގެ ގޮތުގައި ހުރި 54.2 ބިލިއަން ރުފިޔާގެ ތެރެއިން 22 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަންޏެވެ. އަދި 32.2 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ. ދައުލަތުގެ ދަރަނި ޖީޑީޕީގެ 62 އިންސައްތައަށް އަރާފައިވާއިރު، މިއީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ދައުލަތުގެ ދަރަނި ހިފެހެއްޓުމަށް ބަޔާންކޮށްފައިވާ ޖީޑީޕީގެ 60 އިންސައްތައަށްވުރެ އިތުރު ޢަދަދެކެވެ.

ފިނޭންސް މިނިސްޓްރީގެ މަޢުލޫމާތައް ދައްކާގޮތުން 2019 ވަނަ އަހަރު ނިމުނުއިރު ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ މިންވަރު އުޅެނީ 12.7 ބިލިއަން ރުފިޔާގައެވެ. މީގެތެރެއިން 11.8 ބިލިއަން ރުފިޔާއަކީ ބޭރުގެ ލޯނެވެ. އަދި 966 މިލިއަން ރުފިޔާއަކީ އެތެރޭގެ ލޯނުތަކެވެ.

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ ޖުމްލައަކީ 67 ބިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ 76 އިންސައްތައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭރުގެ 33.8 ބިލިއަން ރުފިޔާގެ ލޯނާއި އެތެރޭގެ 33.1 ބިލިއަން ރުފިޔާގެ ލޯނެވެ.