ޗައިނާއިން އުފަންވި ކޯވިޑް-19 އެޤައުމުން ޖެހޭ މީހުންގެ އަދަދު އެތައް ގުނައަކަށް މަދުވެ އެ ޤައުމުގައި މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު 6000 ދަށްވެއްޖެއެވެ.
މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީ ފެނުނު މި ބަލި އެ ޤައުމުގެ 80,967 މީހުންނަށް މިހާތަނަށްވަނީ ޖެހިފައެވެ. ޑިސެމްބަރު މަހު ޗައިނާއިން މި ވައިރަސް ފެނުނު ނަމަވެސް އެ ޤައުމުގައި މި ބަލި ހަލުވި ކަމާއި އެކު ފެތުރެން ފެށީ ޖެނުއަރީ މަހުގެ މެދުތެރޭގައެވެ. އޭރު ޗައިނާއިން ދުވާލަކު 14000 ވުރެ ގިނަ މީހުން ގައިން މި ބަލީގެ ވައިރަސް ދިޔައީ ފެންނަމުންނެވެ.
ކޯވިޑް-19ގެ އެންމެ ފަހު ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާއިން މި ބަލީ ޖެހޭ މީހުންގެ ރޭޓްވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިދިޔަ 24 ގަޑިއިރުގެތޭރޭގައި ޗައިނާއިން މި ބަލީގެ ވައިރަސް ފެނިފައިވަނީ 39 މީހުންގެ ގައިންނެވެ.
ޗައިނާގައި އިން މި ބަލީގައި 3248 މީހުންވަނީ މަރުވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 71 އެއްހާހަށްވުރެ މައްޗަށް އަރައެވެ. މި ބަލީގައި ސީރިއަސް ހާލަތުގައި ތިބީ 2136 މީހުންނެވެ. އަދި ޗައިނާއިން މި ބައްޔަށް ފަރުވާ ހޯދަމުން ދާ މީހުންގެ އަދަދަކީ 6,569 އެވެ.
ޗައިނާގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެން ފެށުމުން އެ ޤައުމުންވަނީ މުޅި ޤައުމު ބަންދުކޮށް ރައްޔިތުން ގޭގައި ބައިތިއްބާފައެވެ. އެހެންނަމަވެސް މަހަކަށްވުރެ ގިނަ ދުވަސްފަހުން މިހާރު ޗައިނާއިން އަންނަނީ ބައެއް ސަރަހައްދުތައް މަޑުމަޑުން ހުޅުވަމުންނެވެ.
ކޯވިޑް- 19 ޗައިނާއިން ފެނުނުނަމަވެސް އެޤައުމުން ބޭރުން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ އިތުރުވެފައެވެ. މިގޮތުން ދުނިޔޭގެ 181 ގައުމަކުން މި ބަލީގެ ވައިރަސް ފެނި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ދެ ލައްކަ ސާޅީސް ފަސްހާހަށްވުރެ މައްޗަށް އަރާފައެވެ. އަދި ޗައިނާއިން ބޭރުން މިބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 6800 އަރާފައެވެ. އަދި މިބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 10 ހާހަށްވުރެ މައްޗަށް އަރާފައެވެ.