ޚަބަރު

އިންޑިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 50،000އަށްވުރެ އިތުރުވެއްޖެ


އިންޑިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 50،000އަށް އިތުރުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި ބަލީގެ އަސަރު އަލަށް ކޮށްފައިވާ 3،490 މީހުން އެޤައުމުންވަނީ ފެނިފައެވެ. އަދި 98 މީހުންވަނީ މަރުވެފައެވެ. އެއާއެކު އިންޑިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 52،967އަށް އިތުރުވެ، މަރުވި މީހުންގެ ޢަދަދު 1،711އަށް އިތުރުވެފައެވެ.
އިންޑިޔާގައި ޖެނުއަރީ މަހުގެ ތެރޭގައި ކޯވިޑް-19 ފުރަތަމަ ފަހަރަށް ފެނުނު ފަހުން ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު 10،000އަށް އިތުރުވާން ނެގީ 43 ދުވަހެވެ. އެޢަދަދު 20،000ން 30،000އަށް އިތުރުވާންނެގީ އެއްހަފްތާއެވެ. އަދި 40،000އަށް އިތުރުވާންނެގީ ފަސް ދުވަހެވެ. އިންޑިޔާއިން އެންމެ ފަހުން ކޯވިޑް-19 ޖެހުނު 10.000 މީހުން ފެނިފައިވަނީ ފާއިތުވީ ތިން ދުވަހުގެ ތެރޭގައެވެ.

އެގައުމުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު ފާއިތުވި 11 ދުވަހުގެ ތެރޭގައިވަނީ ދެގުނައަށް އިތުރުވެފައެވެ. މާރިޗުމަހުގެ 25 ވަނަ ދުވަހުން ފެށިގެން އެޤައުމު ފުރަބަންދުކޮށްފައި އޮތްނަމަވެސް އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދެގުނައަށް އިތުރުވާން ނަގާ މުއްދަތު ދަށްކުރެވިފައިވަނީ 11.5 ދުވަހުން 10،3 ދުވަހަށެވެ. އެއީ ކަންބޮޑުވާންޖެހޭ ޢަދަދެއްކަމަށް ކަމާބެހޭ މާހިރުންވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އާންމު ދަތުރުފަތުރުތައް އަލުން ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ހީނަރުވެފައިވާ އިޤްތިޞާދު ކޮޅަށް ޖެހުމަށް ކޮންމެވެސް ވަރަކަށް ވިޔަފާރިތައް ހުޅުވާލަން ފަށާފައިވުމުގެ ސަބަބުން އެފަދަ ސަރަޙައްދުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވެދާނެކަމުގެ ބިރު އޮތީ ހީވެފައެވެ. އެންމެ ފަހުން ބަލިޖެހުނު ގިނަ މީހުން ފެނިފައިވަނީ މަހާރަޝްތާއާއި ގުޖުރާތާއި ދިއްލީއިންނެވެ.

ޞިއްޙީ މާހިރުން ޤަބޫލުކުރާގޮތުގައި އިންޑިޔާގައި ބަލިފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވާނީ ނުވަތަ ޕީކަށް ދާނީ ކުރިއަށް އޮތް ހަތަރު ހަފްތާއާއި ހަ ހަފްތާގެ ތެރޭގައެވެ. އަދި ފިނި މޫސުމާ ދިމާކޮށްވެސް އަލުން ބަލި ފެތުރޭނެކަމަށް ބެލެވޭކަމަށް މާހިރުން ޤަބޫލުކުރެއެވެ.

އިންޑިޔާގެ ސަރުކާރުންވަނީ ބޭރު ޤައުމުތަކުގައި ތާށިވެފައިތިބި ގިނަ ޢަދަދެއްގެ އިންޑިޔާ ރައްޔިތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އަނބުރާ އިންޑިޔާއަށް ގެންނަން 64 ވައިގެ ދަތުރު ރާވާފައެވެ. ބޭރު ޤައުމުތަކުގައި ތިބި މީހުން އަނބުރާ އިންޑިޔާއަށް ގެނައުމުން އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވެގެންދާނެކަމަށް ބައެއް ފަރާތްތަކުންވަނީ އަންދާޒާކޮށްފައެވެ