ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ވަކިވަކި އޮފިސަރުން ކުރާ ކުށްތަކަށް ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފުރިހަމަ ގޮތުގައި ހިނގަންޖެހޭކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންވެސް އަދި ޖަލުތަކުގައިވެސް ނުހަމައިން ކަންކަން ނުހިނގާނެ ގޮތަށް ސިޔާސަތުތައް ރޭވުމަކީ ހޯމް މިނިސްޓްރީން ކުރަމުންދާ މަސައްކަތެއްކަމަށެވެ. ނަމަވެސް ވަކި ވަކި އޮފިސަރުން ޤާނޫނާ ޚިލާފަށް ކުރާ ކަންކަމުގައި ފިޔަވަޅު އެޅުމަށް އެންއައިސީ ފުރިހަމަ ގޮތުގައި ހިންގުމަށް އެންއައިސީއާ ބެހޭ ޤާނޫނު ލާޒިމްކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ކުރެއްވި ޓުވީޓުގައި ވަނީ އެންއައިސީ އާ ބެހޭ ޤާނޫނުގެ އެއް ވަނަ މާއްދާ ވެސް ހިމަނުއްވާފައެވެ. އެ މާއްދާގައި ބުނެފައިވަނީ "އެންއައިސީ އާ ބެހޭ ގާނޫނަކީ ދިވެހިރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއާތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަންގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި، މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަންގެ ޝަރުޠުތަކާއި ސުލޫކީ ހަމަތަކާއި، އެ ކޮމިޝަން ހިންގާނެގޮތުގެ އުސޫލުތަކާއި އެ ކޮމިޝަންގެ ވާޖިބުތައް އަދާކުރާނެގޮތްތައް ބަޔާންކުރުމާ ބެހޭ ގާނޫނު" ކަމަށެވެ.
ހޯމް މިނިސްޓަރގެ ފާޑުކިޔުން އެންއައިސީއަށް ނުސީދާ ގޮތެއްގައި އަމާޒުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ގެންދަވަނީ އެންއައިސީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި 5 މެމްބަރުން ތިއްބަވާއިރު، އޭގެތެރެއިން 4 ބޭފުޅުންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ރުހުމާއެކު އައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ.