ގދ.ހޯޑެއްދުއާއި ގއ.ކޮލަމާފުށީގެ ބަނދަރު ޒަމާނީ ފެންވަރަށް އަލުން ތައްޤީކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. ޕްލޭނިންގ މިނިސްޓްރީން މި ދެރަށުގެ ބަނދަރުގެ މަސައްކަތްކުރުމަށް ޙަވާލުކޮށްފައިވަނީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތުގެދަށުން ގއ.ކޮލަމާފުށީގައި ތަރައްޤީކުރަނީ 550 މީޓަރުގެ ބަނދަރެކެވެ. ހެވީފޯސްއާއި ޙަވާލުކޮށްފައިވަނީ 550 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 548 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓެއްލުމާއި، 404 މީޓަރުގެ ރިވެޓްމަންޓްޖެހުމާއި، ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތެވެ. އަދި ނެރުބައްތިއާއި، ބަނދަރު ބައްތި ޖެހުމާއި ބަނދަރު ޕޭވްމަންޓާއި، ދޯނިތަށް ބަނދަރުތެރޭގައި އަޅާފައި ބެހެއްޓުމަށް ފަސޭހަކުރުމަށް 12 މޯރިންގ ބްލޮކް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. 2އަހަރު ދުވަހުން މިމަސައްކަތް މުޅިން ނިންމުމަށް ހަވާލުކޮށްފައިވަނީ، 58މިލިއަނަށްވުރެ ގިނަ ރުދިޔާއަށެވެ.
ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ދެން ހަވާލުކޮށްފައިވަނީ ގދ.ހޯޑެއްދޫ ބަނދަރު އަލުން ތަރައްޤީކުރުމުގެ މަސައްކަތެވެ. އެރަށުގައި ހަދާ ބަނދަރަކީ 310މީޓަރު ދިގު ބަނދަރެކެވެ. އަދި 1485މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި، 652މީޓަރުގެ ރިވެޓްމަންޓްޖެހުން ހިމެނެއެވެ. ބަނދަރާއި ނެރު ފުންކޮށް ބައްތިޖެހުމާއި، 8މޯރިން ބްލޮކް ބެހެއްޓުމުގެ އިތުރަށް ބަނދަރުގައި ޕޭވަމަންޓްލުން ހިމެނެއެވެ. 2އަހަރު ދުވަހުގެތެރޭގައި ބަނދަރުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާއިރު މި ޕްރޮޖެކްޓަށް 61މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.
މި މަޝްރޫޢުތަކަށް ފަންޑުކުރަނީ އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)އިން 77% އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 23% އަށް ޚަރަދުކުރާނެއެވެ.
ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރުމަށް ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒަމީރުއެވެ.