ކުޅިވަރު

ފުރަތަމަ މެޗަށް ނިއުރޭޑިއަންޓް އަދި ބީޖީ ތައްޔާރު


ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗަށް ނިކުންނައިރު 2 ޓީމްވެސް އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށް ނިއުރޭޑިއަންޓާއި، ބީޖީ ސްޕޯޓްސްއިން ބުނެފިއެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ފަށާއިރު، މި ދެ ސަރަހައްދުގައި ކުޅޭނީ ދެ ގްރޫޕްގެ މެޗްތަކެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސްއާއި ދެކޮޅަށް މިއަދު ހަވީރު ނިކުންނަ ނިއުރޭޑިއަންޓްގެ ކޯޗް ސޮބާހު މުހައްމަދު ބުނީ ޓީމް އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށާއި، އަމާޒަކީ ފުރަތަމަ މެޗުން 3 ޕޮއިންޓްކަމަށެވެ. ނިއުރޭޑިއަންޓަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަށް ވުމަކީ ޓީމަށް އޮތް ޕްރެޝާއެއްކަމަށާއި، މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމެއްވެސް ނިއު ބަލިކުރަން ބޭނުންވާނެކަމަށް ސޮބާހް ބުނެއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުޅޭ މެޗުގައި ބިދޭސީ މިޑްފިލްޑަރ ވިލިއަމް އަދި ޑިފެންޑާރ މުހައްމަދު ރަޝީދަށް ނުކުޅެވޭނެއެވެ. " ނިއުރޭޑިއަންޓުން އެއްވެސް ބަހަނާއެއް ދައްކަން ބޭނުމެއްނޫން. އަމާޒަކީ މެޗަކަށް ފަހު މެޗަކުން މޮޅުވަމުންގޮސް ޗެމްޕިއަންކަން ހޯދުން" ކޯޗް ސޮބާ ބުންޏެވެ.  ނިއުރޭޑިއަންޓާއި ދެކޮޅަށް ނިކުންނަ ބީޖީ ސްޕޯޓްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ބީޖީ މެޗަށް ތައްޔާރުވެފައިވާ މިންވަރާއިމެދު ހިތްހަމަ ޖެހޭކަމަށާއި، ނިއުރޭޑިއަންޓް ދެކެ އެއްވެސް ވަރަކަށް ޖެހިލުން ނުވާކަމަށެވެ. " ލީގް މެދު ކަނޑާލިއިރު ބީޖީ އޮތީ ވަރަށް ރަނގަޅު ފޯމެއްގައި. މި މެޗުގައި ކުޅުންތެރިންގެ ފަރާތުން އެ ކުޅުން ފެންނާނެކެމަށް އުއްމީދުކުރަން " ކޯޗް ޝާޒް ބުންޏެވެ. މި މެޗަށް ނިކުންނައިރު ބީޖީއަށް ދިމާވާ ހަމައެކަނި މައްސަލައަކީ އަނިޔާގެ ސަބަބުން ޓީމްގެ މުހިންމު ފޯވާޑް އަބްދުﷲ މުއާޒަށް މެޗުގައި ނުކުޅެވުމެވެ. ކޯޗް ޝާޒްލީ ބުނީ މުއާޒް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށާއި، އެހެން ނަމަވެސް އޭނާ ނެތްތަން ފޫބެއްދޭ ފެންވަރުގެ ކުޅުންތެރިން ޓީމްގައި އެބަތިބިކަމަށެވެ. ގްރޫޕް އޭގައި ބީޖީ ސްޕޯޓްސް އަދި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ އިތުރުން ދެން ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބް އަދި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.