ދުނިޔެ

ގޮތް ނޭނގޭ ބައްޔެއް ޖެހުމުން ޖޮންސަން ކުންފުނީގެ ވެކްސިން ޓެސްޓް ހުއްޓާލައިފި


ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ތައްޔާރުކޮށްފައިވާ ކޯވިޑް-19 ވެކްސިންގެ ފަހު މަރުޚަލާގެ ތަހުލީލުތައް މެދުކަނޑާލައިފިއެވެ.
ޖޮންސަން އެންޑް ޖޮންސަނުން ބުނީ ތަހުލީލުތައް މެދުކަނދާލާފައިވަނީ ތަހުލީލުތަކުގައި ބައިވެރިވެފައިވާ ފަރާތެއްގެ ޞިއްޙަތަށް ގޮތްނޭނގޭ އަސަރުތަކެއް ކުރުމުގެ ސަބަބުންކަމަށެވެ. އެ ކުންފުނީގެ އުސޫލުތަކާ އެއްގޮތަށް އެކަން އިތުރަށް ތަހުޤީގުކުރަމުންދާކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން އެ ވެކްސިންގެ މަޢުލޫމާތު ދިރާސާކުރާ އިންޑެޕެންޑެންޓް ޑޭޓާ ސޭފްޓީ މޮނިޓަރިން ބޯޑު (ޑީއެސްއެމްބީ)އާއި އެ ކުންފުނީގެ ޑޮކްޓަރުންގެ ޚާއްޞަ ޓީމަކުން އެ ކަންކަން ބަލާނެކަމަށް ޖޮންސަން އެންޑް ޖޮންސަނުން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.

ޖޮންސަން އެންޑް ޖޮންސަންގެ ތަހުލީލުގައި 60،000 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. ބޭހާއި ވެކްސިން ފަދަ ތަކެތީގެ ބޮޑެތި ތަހުލީލުތަކުގައި މައްސަލަތައް ދިމާވުމަކީ އާންމުކަމެކެވެ. އިންސާނުން ބޭނުންކޮށްގެން ވެކްސިނާއި ބޭސްފަދަ ތަކެތި ތަހުލީލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ވެކްސިނެއްގެ ސަބަބުން އިތުރު މައްސަލަތައް ދިމާވޭތޯ ޔަޤީންކުރުމެވެ. އާންމު އުސޫލެއްގެ ގޮތުން ތަހުލީލުކުރުމުގެ ތެރެއިން މައްސަލައެއް ފާހަގަވެއްޖެނަމަ އެ މައްސަލަ ދިމާވީ ވެކްސިންގެ ސަބަބުންތޯ ޔަޤީންކުރުމަށް ވަގުތީގޮތުން ތަހުލީލުތައް މެދުކަނޑާލައެވެ.

ގިނަ ޢަދަދެއްގެ ބައިވެރިން ހިމެނޭ ތަހުލީލުތަކުގައި އެފަދަ މައްސަލަތައް ކުރިމަތިވާ މިންވަރު އާންމުކޮށް އިތުރުވާނެއެވެ. ތަހުލީލުތަކުގެ ބައެއް ބައިވެރިންނަށް އެމީހަކަށް އެ ދެވެނީ ތަހުލީލުކުރާ ވެކްސިންކަމަށް ޤަބޫލުކުރެވޭ ގޮތަށް އަސްލު ވެކްސިންގެ ބަދަލުގައި ދޭ ޑޯޒެކެވެ. އެހެންކަމުން ގޮތްނޭނގޭ އަސަރުތަކެއް ކުރި މި މީހާއަށްދީފައިވަނީ އެފަދަ ޑޯޒެއްތޯ ނުވަތަ ތަހުލީލުކުރަމުންދާ ވެކްސިންތޯވެސް ޔަޤީންކުރަންޖެހެއެވެ.

ތަހުލީލުގެ ބައިވެރިޔާއަށް ދިމާވެފައިވާ ގޮތްނޭނގޭ މައްސަލައިގެ ތަފްޞީލެއް ޖޮންސަން އެންޑް ޖޮންސަނުން ދީފައެއް ނުވެއެވެ. އެ ކުންފުނިން ބުނީ އެ މީހާއަށް ދިމާވެފައިވާ މައްސަލަ ދިރާސާކުރަމުންދާކަމަށާއި އިތުރު މަޢުލޫމާތު ޙިއްޞާކުރުމުގެ ކުރިން ބަލަންޖެހޭ އަދި ޔަޤީންކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށެވެ. އޭގެ އިތުރުން ބަލިމީހާގެ ޒާތީ މައުލޫމާތުތަކަށް އިޚުތިރާމުކުރަންޖެހޭކަމަށްވެސް އެ ކުންފުނިންވަނީ ފާހަގަކޮށްފައެވެ.

މިއީ ކޯވިޑް-19އަށް ތައްޔާރުކުރަމުންދާ ވެކްސިނެއްގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައް އެމެރިކާގައި މެދުކަނދާލި ދެވަނަ ފަހަރެވެ. އިނގިރޭސިވިލާތުގެ ބައިވެރިޔަކަށް މައްސަލަތަކެއް ދިމާވުމުން މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ އެސްޓްރެޒެނެކަ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިންގެ ފަހު މަރުހަލާގެ ތަހުލީލުތައްވަނީ މެދުކަނޑާލައިފައެވެ. އިނގިރޭސިވިލާތާއި އެހެން ޤައުމުތަކުގައި ތަހުލީލުތައް އަލުން ފަށައިފައިވާ ނަމަވެސް އެމެރިކާގައި ތަހުލީލުތައް އަލުން ކުރިއަށް ގެންދަން ފަށާފައެއް އަދި ނުވެއެވެ.

ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ވެކްސިނަކީ އެމެރިކާގައި ތަހުލީލުކުރަމުންދާ ހަ ވެކްސިންގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. އަދި އެންމެ އުންމީދީ ހަތަރު ވެކްސިންގެ ތެރޭގައިވެސް ހިމެނޭ ވެކްސިނެކެވެ. ތަހުލީލުކުރަމުންދާ އެހެން ވެކްސިންތަކާއި ޚިލާފަށް ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިނުގައި ހިމެނެނީ އެންމެ ޑޯޒެކެވެ. އެހެންކަމުން ގިނަ ޑޯޒުތައް ހިމެނޭ ވެކްސިންތަކުގެ ތަހުލީލުތަކަށްވުރެ ޖޮންސަން އެންޑް ޖޮންސަންގެ ތަހުލީލުތައް ނިންމާލެވޭލެއް އަވަސްވާނެކަމަށް ބެލެވެއެވެ.