ކޯވިޑް-19ގެ ސަބަބުން ގޭގައި މަޑުކުރަން ޖެހުމުން އެމެރިކާގެ މިނެސޯޓާގައި ދިރިއުޅޭ ޓްރާވިސް ގީންޖާ އޭނާގެ ވަގުތު ހޭދަކުރީ ތަފާތު ގޮތަކަށެވެ. ގަސް ހެއްދުމާއި ދަނޑުވެރިކަން ކުރުމާއި ބެހޭ މުދައްރިސެއްގެ ގޮތުގައި ވަޒީފާ ޢަދާކުރާ އުމުރުން 40 އަހަރުގެ ގީންޖާ ކުރި މަސައްކަތަކީ އޭނާ ހައްދަމުންދިޔަ ބަރަބޮލަކަށް އިތުރު އަޅައިލުންދީ ބޮޑުކުރުމެވެ. އޭނާގެ މަސައްކަތުގެ ފޮނި ނަތީޖާ ފެނިގެން ދިޔައީ ސެން ފްރެންސިސްކޯގައި ބާއްވާ ހާފް މޫން ބޭ ބަރަބޯ ހެއްދުމުގެ މުބާރާތުން އޭނާ ހެއްދި ބަރަބޮލަށް ފަޚުރުވެރި އެއްވަނަ ލިބުމުންނެވެ.
ގީންޖާގެ ގޭގެ ފަހަތުގައި އޮންނަ ހުސް ބިމުގައި ހައްދާފައިވާ ބަރަބޯ ދަނޑުގައި ގިނަ ވަގުތުތަކެއް އޭނާވަނީ ހޭދަކޮށްފައެވެ. ދުވާލެއްގެ މައްޗަށް ދިހަ ވަރަކަށް ފަހަރު އޭނާގެ ގަސްތަކަށް ފެންދީ ދެ އިރަށް ގަސް ކާނާ ދިނެވެ. އެއަށްފަހު އެތައް މަސައްކަތަކުން އޭނާ ހެއްދި ބަރަބޯތަކުގެ ތެރެއިން އެންމެ ބޮޑު ބަރަބޯ އޭނާވަނީ ސަން ފްރަންސިސްކޯގައި އޮތް ވޯލްޑު ޗެމްޕިއަންޝިޕް ޕަމްޕްކިން ވެއި-އޮފްގައި ބައިވެރިކުރުމަށް 35 ގަޑިއިރުގެ ދިގު ދަތުރެއް ކޮށްފައެވެ.
ގީންޖާ ބުނީ މިނެސޮޓާއިން ސަން ފްރެންސިސްކޯއަށް ބަރަބޯ ގެންދިޔުމަށް ކުރި ދިގު ދަތުރުގައި ބަރަބޮލަށް ގެއްލުމެއް ލިބިދާނެކަމަށް ވަރަށް ބިރުގައިންކަމަށެވެ. އުޅަނދުގައި ދުއްވާފައި ދިޔައިރު ސްޕީޑު ބުރޭކަރެއްގައިޖެހޭ ކޮންމެ ފަހަރަކު އެ ދިގު ދަތުރު ނިމެންދެން ފަޅައިގެން ނުގޮސް ބަރަބޯ އޮންނާނެ ކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވިކަމަށް އޭނާ ބުންޏެވެ. އެންމެ ފަހުން މަންޒިލާ ހަމައަށް ފޯރައި ބަރަބޯ ކިރިއިރު އޭގައި 1،066 ކިލޯ ހުރުމުން ވަރަށް އުފާވިކަމަށް ގީންޖާ ބުންޏެވެ. އެ ބަރަބޯ ހައްދައިގެން އިނާމެއްގެ ގޮތުގައި 16،450 އެމެރިކާ ޑޮލަރު ގީންޖާއަށްވަނީ ލިބިފައެވެ. އެއީ ޕައުންޑަކަށް 7 ޑޮލަރުގެ މަގުންނެވެ.
ފުރާވަރު އުމުރުން ފެށިގެން ބަރަބޯ ހެއްދުމުގެ ޝައުގުވެރިކަން ހުންނަ ގީންޖާ އެކަމަށް ލޯބިޖެހުނީ އޭނާގެ ބައްޕަގެ ސަބަބުންނެވެ. އޭނާގެ ބައްޕައަކީވެސް ބަރަބޯ ހައްދާ އުޅުނު މީހެކެވެ. މި އަހަރަކީ ހާފް މޫން ބޭ މުބާރާތުގައި އޭނާ ބައިވެރިވި ފުރަތަމަ އަހަރެވެ. ނަމަވެސް އަންނަ އަހަރުގެ މުބާރާތުގައި ބައިވެރިވުމާއި މެދު އޭނާ އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. އޭނާ ބުނީ މި އަހަރު ކުރި ބުރަ މަސައްކަތަށްފަހު މެދުކެނޑުމެއް ބޭނުންވުން އެކަށީގެންވާކަމަށެވެ.
ފާއިތުވި 40 އަހަރު ބާއްވާފައިވާ ހާފް މޫން ބޭ މުބާރާތުގައި މިހާތަނަށް ބައިވެރިކޮށްފައިވާ ދެވަނައަށް އެންމެ ބަރު ބަރޮބޮލަކީ ގީންޖާގެ ބަރަބޮލެވެ. ނަމަވެސް ގީންޖާގެ ބަރަބޮލުގެ ބަރުމިން އެމެރިކާގެ ރެކޯޑު ހޯދާފައިވާ ބަރަބޮލުގެ ބަރުމިނާ ގާތްވެސް ނުކުރެއެވެ. އެ ޤައުމުގެ ނިއު ހެމްޝްފަޔާގައި 2018ވަނަ އަހަރު ހެއްދި ބަރަބޮލެއްގައި 1،134 ކިލޯ ހުއްޓެވެ. އެއީ ޕައުންޑުން މިނާނަމަ 2،500 ޕައުންޑަށްވުރެ އިތުރު ޢަދަދެކެވެ. މިހާތަނަށް އެންމެ ބޮޑު ބަރަބޮލެއް ދުނިޔޭގައި ހައްދާފައިވަނީ 2016ވަނަ އަހަރުގައި ޖަރުމަނިވިލާތުގައެވެ. އެ ބަރަބޮލުގައި 1،179 ކިލޯ (2،600 ޕައުންޑު) ހުއްޓެވެ.