ޚަބަރު

އައްޑޫ ސިޓީ ހިތަދޫން ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


އައްޑޫ ސިޓީ ހިތަދޫން ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްތަކުގެ ތެރެއިން 3 ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދުމުގު ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި 28 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 3 ކެޓަގަރީއަކުންނެވެ.

އެގޮތުން ކެޓަގަރީ A އިން ހިތަދޫ ރައްޔިތުންނަށް 16 ފްލެޓް، ކެޓްގަރީ Bއިން މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންގެ ތެރެއިން ހިތަދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 6 ފްލެޓްގެ އިތުރުން ކެޓަގަރީ C އިން ފޭދޫ ރައްޔިތުންގެ ތެރެއިން ހިތަދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 6 ފްލެޓްކަމަށް އައްޑޫ ސިޓީ ކައުންސިލްއިން ވިދާޅުވިއެވެ.

ފްލެޓްތަކަށް އެދި ހުށަހަޅާ ފޯމްތައް ދޫކުރަމަށް ހަމަޖެހިފައިވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުއޮފީހުންނެވެ. މިފްލެޓްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 26 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުގެ 1:30ގެ ކުރިންނެވެ.

އައްޑޫ ހިތަދޫގައި ޢިމާރާތްކޮށްފައިވާ ތިން ކެޓަގަރީގެ ފްލެޓްތަކަށް އެދުމުގެ ޝަރުތުތަކާއި އުސޫލުތައް ވަނީ ގެޒެޓްކޮށްފައެވެ.

ހިތަދޫގައި އިމާރާތް ކޮށްފައިވާ 264 ފްލެޓްތަކުގެ ތެރެއިން 230 ފްލެޓް މިހާރު ވަނީ އެކި އެކި ފަރާތްތަކާއި ޙަވާލު ކޮށްފައެވެ.