ދުނިޔެ

މޮޑާނާގެ ވެކްސިނުންވެސް އުއްމީދުތަކެއް


މޮޑާނާއިން ތައްޔާރުކުރަމުންދާ ކޯވިޑް-19 ވެކްސިނުގެ ތަހުލީލުތަކުން އުންމީދީ ނަތީޖާތަކެއް ދައްކައިފިއެވެ.
ހަލުވިކަމާއެކު މުޅި ދުނިޔޭގައި ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ މޮޑާނާއިންވަނީ އެ ކުންފުނިން އުފައްދާ ވެކްސިންގެ ތަހުލީލުތަކުގެ އިބްތިދާއީ ނަތީޖާ އާންމުކޮށްފައެވެ. އެގޮތުން އެ ވެކްސިން މަސައްކަތްކުރާ މިންވަރު 94.5 އިންސައްތައަށް ކާމިޔާބުކަމަށް އެ ކުންފުނިން ބުންޏެވެ.

މޮޑާނާގެ ވެކްސިން ތަހުލީލުގެ ތެރެއިން މިހާރު ކުރިއަށްދަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ތަހުލީލުތަކުގެ އެންމެ ފަހު މަރުހަލާއެވެ. މޮޑާނާގެ ސީއީއޯ ސްޓެދާން ބަންކެލް ވިދާޅުވީ މިއީ ވެކްސިނެއް އުފެއްދުމަށް މޮޑާނާއިން ކުރަމުންދާ މަސައްކަތުގެ ތާރީޚީ ވަގުތެއްކަމަށެވެ. ތިންވަނަ މަރުހަލާގެ ތަހުލީލުތަކުގެ ނަތީޖާއިން ފުރަތަމަ ފަހަރަށް ބަލި ޖެހުމުން މީހުން ރައްކާތެރިކޮށްދޭކަމަށާއި ބަލީގެ ސަބަބުން ހާލުދެރަވާ މީހުންނަށްވެސް ފަރުވާ ލިބޭކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މޮޑާނާގެ ނަތީޖާތައް އާންމުކޮށްފައި މިވަނީ މިދިޔަ ހަފުތާގައި އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކުން އުފައްދާ ވެކްސިންގެ ތިންވަނަ މަރުހަލާގެ ނަތީޖާތައް އާންމުކޮށްފައި ވަނިކޮށެވެ. އެ ވެކްސިންވެސް 90 އިންސައްތައަށްވުރެ ބޮޑަށް ކާމިޔާބުކަމަށް އެ ދެ ކުންފުނިންވަނީ ބުނެފައެވެ.

މޮޑާނާގެ ވެކްސިންގެ އިބްތިދާޢީ ނަތީޖާތައް ބިނާކޮށްފައިވަނީ ތަހުލީލުތަކުގައި ބައިވެރިވެފައިވާ 30،000 މީހުންގެ ތެރެއިން ބަލިޖެހިފައިވާ 95 މީހުންގެ މަޢުލޫމާތުގެ މައްޗަށެވެ. އެ 95 މީހުންގެ ތެރެއިން ކޯވިޑް ޖެހިފައިވާ 90 މީހުންނަކީ ތަހުލީލުތަކުގައި އަސްލު ވެކްސިންގެ ބަދަލުގައި ޕްލެސީބޯ ދީފައިވާ މީހުންނެވެ. ދެ ޑޯޒްގެ ވެކްސިން ދީފައިވާ މީހުންގެ ތެރެއިން ބަލިޖެހިފައިވަނީ އެންމެ ފަސް މީހުންނަށެވެ. އެހެންކަމުން ވެކްސިންގެ ކާމިޔާބު މިނަކީ 94.5 އިންސައްތަކަމަށް ބެލެވޭކަމަށް އެ ކުންފުނިން ބުންޏެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މޮޑާނާގެ ތަހުލީލުގައި ބަލި ޖެހުނު 95 މީހުންގެ ތެރޭގައި އުމުރުން 65 އަހަރުން މަތީގެ 15 މީހުންނާއި، އެކި ނަސްލުތަކަށް ނިސްބަތްވާ 20 މީހުން ހިމެނެއެވެ.
މޮޑާނާއާއި ފައިޒާއިންވެސް ދެ ކުންފުނީގެ ވެކްސިން ތަހުލީލުތަކުން އެދެވޭ ނަތީޖާއެއް ފެނިފައިވާތީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ދެ ވެކްސިންވެސް ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދައަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގައި އެދޭނެކަމަށް ބެލެވެއެވެ. މި އަހަރު ނިމުމުގެ ކުރިން މޮޑާނާގެ ވެކްސިންގެ 20 މިލިއަން ޑޯޒު ތައްޔާރުކުރުމަށް އެކުންފުނިން ވަނީ އަމާޒު ހިފާފައެވެ. އެ މުއްދަތުގައި ފައިޒާއާއި ބަޔޯއެންޓެކުން އުފައްދާފައިވާ ވެކްސިންގެ 50 މިލިއަން ޑޯޒް ތައްޔާރުކުރުމަށް އެ ދެ ކުންފުނިންދަނީ މަސައްކަތްކުރަމުންނެވެ.

މޮޑާނާ އަދި ފައިޒާ-ބަޔޯއެންޓެކުން އުފައްދާފައިވާ ވެކްސިންގައިވެސް ބޭނުންކުރަނީ އެމްއާރުއެންއޭ ކިޔާ ޓެކްނޮލޮޖީއެކެވެ. އެ ވެކްސިންތައް ތައްޔާރުކޮށްފައިވަނީ ސީދާ ކޮރޯނާވައިރަސް ބޭނުންކޮށްގެންނެއް ނޫނެވެ. އެހެންކަމުން ވެކްސިންގެ ސަބަބުން އެއްވެސް މީހަކަށް ކޯވިޑް ޖެހުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި އެ ވެކްސިންތަކުން ބޭނުންކުރަނީ ބަލިޖައްސާ ވައިރަހުގެ ޕްރޮޓީން ފަށަލައެއް ދެނެގަނެގަތުމަށް ދިފާޢީ ނިޒާމަށް ދަސްކޮށްދޭ ވިރާސީ ކޯޑެކެވެ.

ފައިޒާ-ބަޔޯއެންޓެކު ވެކްސިނާއި އަޅާ ބަލާއިރު މޮޑާނާގެ ވެކްސިން ބޭނުންކުރުގައި ފަސޭހަތަކެއް އެބަހުއްޓެވެ. ފައިޒާ-ބަޔޯއެންޓެކުގެ ވެކްސިން ރައްކާކުރަންޖެހެނީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައެވެ. އެއީ އެންމެ ފިނި އާކްޓިކުގައި ފިނިހޫނުމިން ހުންނަ މިންވަރެވެ. އޭގެ ސަބަބުން އެ ވެކްސިން ރައްކާކޮށްފައި ބެހެއްޓުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ނަމަވެސް މޮޑާނާގެ ވެކްސިން އާދައިގެ ފުރިޖުތަކުގެ ފިނިހޫނުމިނުގައި ރައްކާކުރެވޭނެއެވެ.

މޮޑާނާގެ ވެކްސިން ދިރާސާކޮށް ތައްޔާރުކުރުމަށް އެމެރިކާގެ ސަރުކާރުންވަނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. ސަރުކާރުންވަނީ އެ ވެކްސިންގެ 100 މިލިއަން ޑޯޒު ގަތުމަށް 1.5 ބިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދައްކާފައެވެ. އިތުރު 400 މިލިއަން ޑޯޒް ގަތުމުގެ އިޚްތިޔާރު އެމެރިކާގެ ސަރުކާރަށް ލިބިގެންވާއިރު މޮޑާނާއިންވަނީ ވެކްސިން ފޯރުކޮށްދިނުމަށް އެހެން ޤައުމުތަކާއިއެކުގައިވެސް އެއްބަސްވުންތައް ހަދާފައެވެ.