ދުނިޔެ

ކޯވިޑް ޖެހުނު މީހުންގެ ޢަދަދު 2 މިލިއަން އެރި ފުރަތަމަ ވިލާތުގެ ޤައުމަކަށް ފްރާންސް


ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު ދެ މިލިއަނަށްވުރެ އިތުރުވި ފުރަތަމަ ވިލާތުގެ ޤައުމުގެ ގޮތުގައި ފަރަންސޭސިވިލާތް ފާހަގަވެއްޖެއެވެ. ވިލާތުގެ ޤައުމުތަކުން މިހާތަނަށް 14.5 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެ ބައްރު އޮތީ ބަލީގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ސަރަޙައްދުގެ ގޮތުގައެވެ. މުޅި ދުނިޔޭގައި ޖުމްލަ 55.9 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 26 އިންސައްތައަށްވުރެ ބޮޑު ނިސްބަތެއް ޙިއްޞާކުރަނީ ވިލާތުންނެވެ.

ފަރަންސޭސިވިލާތަކީ އެމެރިކާ، އިންޑިޔާ އަދި ބުރެޒިލަށްފަހު ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު ދެ މިލިއަން ހުރަސްކުރި ހަތަރުވަނަ ޤައުމެވެ. އެ ޤައުމުގައި މިހާތަނަށް 2،036،755 މީހުންނަށް ކޯވިޑް-19 ޖެހި 45،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެ ޤައުމަކީ ކޯވިޑް-19 ޖެހިގެން ހަތްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމެވެ. މިދިޔަ އޮކްޓޯބަރު މަހު ދެވަނަ ފަހަރަށް އެ ޤައުމު ފުރަބަންދުކޮށްފައި އޮތްނަމަވެސް މިދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 14،524 މީހުންނަށް ބަލިޖެހި 625 މީހުން މަރުވެފައެވެ.

ފަރަންސޭސިވިލާތުގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ނޮވެމްބަރު މަހުގެ 7ވަނަ ދުވަހުގައެވެ. އެއީ ގާތްގަނޑަކަށް 87،000 ކޭހެވެ. އޭގެ ފަހުން އެ ޤައުމުގައި ބަލިފެތުރޭ މިންވަރުވަނީ ދަށަށް ދާން ފަށައިފައެވެ. ފާއިތުވި 30 ދުވަހުގެ ތެރޭގައި އެ ޤައުމުގައި އެންމެ މަދު ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެއީ 9،406 މީހުންނެވެ. ހޯމަ ދުވަހު ރިޕޯޓުކުރާ ކޭހުގެ ޢަދަދު ޢާންމުކޮށް ދަށްވަނީ ޗުއްޓީ ދުވަހެއްކަމަށްވާ އާދީއްތަ ދުވަހު ތަހުލީލުކުރާ މިންވަރު މަދުވާތީއެވެ.

ފަރަންސޭސިވިލާތުގެ ޞިއްޙަތާއިބެހޭ ވަޒީރު އޮލިވިއާ ވެރަންވަނީ ޤައުމުގެ ޙާލަތު ރަނގަޅުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފުރަބަންދު އުވާލެވޭ މިންވަރަށް ޙާލަތު ރަނގަޅުވެފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. ފަރަންސޭސިވިލާތުގެ ރައީސް، އެމަނުއަލް މެޚްރޮންވަނީ ފުރަބަންދު އުވާލުމަށް އަމާޒުކުރާ ތާރީޚަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަސްކަމުގައި ކަނޑައަޅުއްވާފައެވެ. ނަމަވެސް ޙާލަތަށް ރިޢާޔަތްކޮށް ފުރަބަންދުގެ މުއްދަތު އިތުރުކުރުމަކީ އެކަށީގެންވާކަމެކެވެ.

ފަރަންސޭސިވިލާތުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު މަދުވެފައިވާނަމަވެސް ހަސްފަތާލުގައި ފަރުވާދެމުންދާ މީހުންގެ ޢަދަދުވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެފައެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއި އިޓަލީވިލާތަށްފަހު ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ ފަރަންސޭސިވިލާތުގައެވެ.