ދުނިޔެ

އެންމެ ދިގު ޓީނޭޖަރ، އެންމެ ގިނައިން ޖެހެނީ ތަންތަނުގައި ބޯ


ޗައިނާގެ ލެޝަން ސިޓީއަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ރެން ކޭޔޫއަކީ ޖޫނިއާ ހައި ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރެކެވެ. އެންމެ ކުރީންސުރެ ވެސް ރެން ކޭޔޫއަކީ އޭނާއާއި އެއް ކުލާހެއްގައި އެހެން ކުދިންނަށްވުރެ ދިގުކަމަށް ފާހަގަވެފައިވާ ކުއްޖެކެވެ. ދިގުމިނުގައި މިހާރު ހަތް ފޫޓާއި ތިން އިންޗި ހުންނަ ރެން ކޭޔޫއަކީ މިވަގުތު ދުނިޔޭގައި ހުރި ފުރާވަރުގެ އެންމެ ދިގު ފިރިހެންކުއްޖާއެވެ.

ރެން ކޭޔޫއަކީ މިވަގުތު ދުނިޔޭގައި ހުރި 18 އަހަރުން ދަށުގެ އެންމެ ދިގު ކުއްޖާކަން ޔަޤީންވީ މަޝްހޫރު ގީނިސް ވޯލްޑު ރިކޯޑުން އެންމެ ދިގު ޓީނޭޖަރުގެ ގޮތުގައި އޭނާގެ ނަން ޝާއިޢުކުރުމުންނެވެ. ގީނިސްގެ ފަރާތުން އޮފިޝަލަކު ރެން ކޭޔޫއަށް ޒިޔާރަތްކޮށް އޭނާގެ ދިގުމިން ބަލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު އޭނާގެ އިސްކޮޅުގައި 221.03 ސެންޓިމީޓަރު ހުރިކަމަށް ގީނިސް ވޯލްޑް ރިކޯޑުން ބުންޏެވެ.

ކޭޔޫގެ އިސްކޮޅު އާދަޔާ ޚިލާފަށް ދިގުވާތީވެ އޭނާގެ ޢާއިލާއިންވަނީ އޭނާ ހަސްފަތާލަށް ގެންގޮސް ގިނަ ތަހުލީލުތަކެއް ކޮށްފައެވެ. ނަމަވެސް އެ ތަހުލީލުތަކުން އާދަޔާ ޚިލާފު އެއްވެސްކަމެއް ފާހަގަވެފައެއް ނުވެއެވެ.

ރެން ކޭޔޫ ބުނީ އޭނާއަށް ބޮޑަށް ބެލެވެނީ އޭނާގެ ދިގުކަމަކީ އޭނާގެ ކާބަފައިންގެ ފަރާތުން ވާރުތަކޮށްފައިވާކަމެއްކަމަށެވެ. އޭނާގެ މާމަގެ ދިގު މިނުގައި 175 ސެންޓިމީޓަރު ހުންނައިރު މަންމައާއި ކާފަގެ އިސްކޮޅު 190 ސެންޓިމީޓަރު ހުރެއެވެ. އޭނާގެ ބައްޕަގެ އިސްކޮޅުގައި 180 ސެންޓިމީޓަރު ހުރެއެވެ.

ކޭޔޫގެ އިސްކޮޅުގެ ސަބަބުން އޭނާއަކީ އޭނާގެ އަސްލު އުމުރަށްވުރެ މާ ބޮޑަށް ދޮށީ ކުއްޖެއްގެ ގޮތުގައި މީހުން ދެކޭތީ ފުރަތަމަ އުނދަގޫވިއެވެ. ނަމަވެސް ފަހުން އޭނާ ބޭނުންވީ އެ ކަމަކީ ޕޮސިޓިވް ކަމަކަށް ބަދަލުކޮށްލައި ގީނިސް ވޯލްޑް ރިކޯޑުން ޖާގައެއް ލިބޭތޯ ބަލާލުމަށް މަސައްކަތްކޮށްލުންކަމަށް އޭނާ ބުންޏެވެ.

ކަން ދިމާކުރި ގޮތުން ގިނެސް އިން އޭނާގެ އިސްކޮޅު ބެލުމަށް އައި ދުވަހަކީ އޭނާގެ 14ވަނަ އުފަންދުވަހެވެ. ކޮޅަށް ހުންނައިރު ކޭޔޫގެ ދިގުމިނާއި އޮށޯބެ އޮންނައިރު ހުންނަ ދިގުމިނާއި އަތުގެ ދިގުމިނާއި ފުޅާމިނާއި ފައިގެ ދިގުމިނާއި ފުޅާމިން، އަތާއި އަތްދަނޑީގެ ދިގުމިން ތިން ފަހަރެއްގެ މަތިން އެދުވަހު ބެލިއެވެ. އެއަށްފަހު އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ދިގު 18 އަހަރުން ދަށުގެ ކުއްޖާގެ ގޮތުގައި ނިންމިއެވެ.

ރެން ކޭޔޫގެ އިސްކޮޅުގެ ސަބަބުން އޭނާގެ ބޮޑުވުމާއި ލޮލުގެ ފެނުމަށް ނޭދެވޭ އަސަރު ކުރިޔަ ނުދިނުމަށް އޭނާގެ ގޭގައާއި މަދަރުސާގައި ބޭނުންކުރަނީ އޭނާއަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ފަރުނީޗަރެވެ. އޭގެ އިތުރުން އޭނާގެ އެނދާއި އަންނައުނާއި ބޫޓުފަދަ ތަކެއްޗަކީވެސް އޭނާއަށް ޚާއްޞަކޮށްގެން ތައްޔާރުކުރާ ތަކެއްޗެވެ.

އިސްކޮޅުން މާ ބޮޑަށް ދިގުވުމުގެ ސަބަބުން ރެން ކޭޔޫއަށް ކުރިމަތިވާ ގިނަ އުނދަގޫތަކެއް ހުރެއެވެ. އެގޮތުން ވަރަށް ގިނަގިނައިން ތަންތަނުގައި ބޯޖެހުމާއި އާންމު ދަތުރުފަތުރުކުރުމުގެ ނިޒާމު ބޭނުންކުރުމުގައި ދަތިވެއެވެ. ކޭޔޫ ބުނީ އޭނާއަށް އެންމެ އުނދަގޫވަނީ ދަތުރުކުރާއިރު އެ އުޅަނދެއްގައި ތިބޭ އެހެން ފަސިންޖަރުން އޭނާއާއި ދިމާލަށް މާ ބޮޑަށް ބަލާތީކަމަށެވެ. ގިނަ މީހުން ދެކޭގޮތުގައި އާދަޔާ ޚިލާފަށް އިސްކޮޅުން ދިގު ކުދިންނަކީ ސިކުނޑި ޅަ ކުދިންކަމަށް ކޭޔޫ ބުންޏެވެ. އެ ވިސްނުން ބަދަލުކުރުމަށް ކޭޔޫދަނީ ކިޔެވުމުގައި ރަނގަޅު ނަތީޖާތައް ހޯދައި ކުލާހުގެ އެއްވަނަ ހޯދަމުންނެވެ.

ކޭޔޫގެ އިސްކޮޅާއި ބަރުމިނުގެ ސަބަބުން ބާސްކެޓުބޯޅަ އަދި އެހެނިހެން ވަރުބަލިވާފަދަ ކުޅިވަރުތަކުގައި އޭނާއަށް ބައިވެރި ނުވެވެއެވެ. ކޭޔޫ ބުނީ އޭނާ ވަރަށް ފޮތް ކިޔާހިތްވާކަމަށާއި ގޭމު ކުޅޭހިތްވާކަމަށެވެ. އޭނާ ބޮޑުވެގެން ވާން ބޭނުންވަނީ 'އީ-ސްޕޯޓްސް' ކުޅުންތެރިއަކަށެވެ.
މީގެ ކުރިން ދުނިޔޭގެ އެންމެ ދިގު ފުރާވަރު އުމުރުގެ ކުއްޖާގެ މަޤާމު އޮތީ އެމެރިކާގެ ކެވިން ބްރެޑްފޯޑު އަތުގައެވެ. އޭނާގެ ފުރާވަރު އުމުރުގައި އޭނާ ހުރީ ކޭޔޫއަށްވުރެ ފަސް ސެންޓިމީޓަރު ކުރުކޮށެވެ.