އިޓަލީގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު 50،000 ހުރަސްކޮށްފިއެވެ. މިއީ އެ ބަލީގައި 50،000އަށްވުރެ ގިނަ މީހުން މަރުވެފައިވާ ހަވަނަ ޤައުމެކެވެ.
ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށި އިޓަލީވިލާތުގައި މިހާތަނަށް 1.432 މިލިއަން މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ އަށްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 22،930 މީހުންނަށް ބަލިޖެހި 630 މީހުންވަނީ މަރުވެފައެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތަށްފަހު ދެން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އިޓަލީގައެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން ދުވާލެއްގެ މައްޗަށް ބަލީގައި މަރުވާ މީހުންގެ ޢަދަދު އެންމެ ގިނައީ އިޓަލީގައެވެ. ނަމަވެސް ހަސްފަތާލުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދާއި ޙާލުދެރަވެގެން އައިސީޔޫގައި ފަރުވާދޭންޖެހޭ މިންވަރުދަނީ މަޑުޖެހެމުންނެވެ. ހަސްފަތާލުގައި މިވަގުތު ފަރުވާދެމުންދަނީ 34،697 މީހުންނަށެވެ. އެއީ އޭގެ ކުރީ ދުވަހާއި އަޅައި ބަލާއިރު 418 ބަލިމީހުންގެ އިތުރުވުމެކެވެ. މިވަގުތު އައިސީޔޫގައި ފަރުވާދެމުންދަނީ 3،810 މީހުންނަށެވެ.
އަދިވެސް އެންމެ ޙާލަތު ގޯސްވެފައިވާ ސަރަޙައްދުގެ ގޮތުގައި އޮތީ ލަންބާޑީ ސަރަޙައްދެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުގައި 5،289 މީހުންނަށްވަނީ ބަލިޖެހިފައެވެ. 2،540 ބަލިމީހުންނާއިއެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ވެނެތޯގައެވެ.