ދުނިޔެ

ކޯވިޑް ތަހުޤީގުކުރަން ޑަބްލިއުއެޗްއޯގެ ބޮޑު ޓީމެއް ޗައިނާގެ ވުހާނަށް


ޗައިނާގައި ކޯވިޑް-19 ފެތުރެންފެށި ގޮތް ތަހުގީގުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން އިސްވެ ހާއްސަ ވަފުދެއް އެ ޤައުމަށް ފޮނުވުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފިއެވެ.

ކޯވިޑް-19 އުފެންވެފައިވަނީ ޗައިނާގެ ވުހާން ސިޓީންނެވެ. ޑަބްލިއުއެޗުއޯގެ ގައިންގަޔަށް އަރާ ބަލިތަކާއިބެހޭ އެންމެ އިސްވެރިޔާ، މައިކް ރަޔާން ވިދާޅުވީ ކޯވިޑް ފެތުރެން ފެށި ގޮތް ދިރާސާކުރުމަށް ޗައިނާއަށް ދަތުރުކުރާ ޓީމުގެ އެޤައުމަށް ދާނީ އަންނަ މަހުގެ ތެރޭގައިކަމަށެވެ.

ރަޔާން ވިދާޅުވީ އެ ވަފުދު ޗައިނާއަށް ފުރާ ތާރީޚު ކަނޑައެޅިގެން ބުނަން ދަތިކަމަށާއި، ވިސާއާއި ފުލައިޓުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށެވެ. ނަމަވެސް ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެ ވަފުދުން ޗައިނާއަށް ދާނެކަމަށާއި އެ ޤައުމަށް ދިއުމަށްފަހު ކަރަންޓީނުވުމުގެ އިންތިޒާމްވެސް ހަމަޖައްސަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ހޫބޭ ޕްރޮވިންސުގައި އޮންނަ ވުހާން ސިޓީން ފުރަތަމަ ފަހަރަށް ކޯވިޑް ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެ ސިޓީގެ ސީފުޑު ވިއްކާ މާރުކޭޓަކުން ބަލިޖެހިފައިވާ ގިނަ ޢަދަދެއްގެ މީހުން ފެނި، ގޮތް ނޭނގޭ ބައްޔެއް ފެތުރެމުންދާކަމަށް ވުހާންގެ ހަސްފަތާލަކުން އެ ސިޓީގައި ހުންނަ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލަށް އަންގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހުގައެވެ.

ޗައިނާއިން ދުނިޔޭގެ ޞިއްޙާތު ޖަމުޢިއްޔާއަށް އެ ބައްޔާއި ގުޅޭ މަޢުލޫމާތު ދީފައިވަނީ އޭގެ ތިން ދުވަސްފަހުން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ. ޗައިނާގައި ފެތުރެމުންދިޔަ ގޮތް ނޭނގޭ ބަލީގެ އަސްލަކީ ސާސް-ކޮވް-2 ކޮރޯނާ ވައިރަސްކަމަށް ނިންމާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 8ވަނަ ދުވަހުގައެވެ. ޗައިނާގެ ފަރާތުން ބައްޔާއި ގުޅޭ މަޢުލޫމާތު ޑަބްލިއުއެޗުއޯއާއި ޙިއްޞާކުރުމުގައި ލަސްތަކެއް ހުރިކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންވަނީ އެ ޤައުމަށް އަމާޒުވެފައެވެ.

ވުހާންއަށް ދަތުރުކުރާ ޑަބްލިއުއެޗުއޯގެ ވަފުދުގައި ހިމެނޭ ބަޔޮލޮޖިސްޓެއްކަމަށްވާ ޖަރުމަނުވިލާތުގެ ރޮބާޓް ކޮޗް އިންސްޓިޓިއުޓުގެ ފޭބިއަން ލީންޑާޓްޒް ވިދާޅުވީ ދަތުރުގެ ބޭނުމަކީ އެއްވެސް ބަޔަކަށް އިނގިލި ދިއްކުރުން ނޫންކަމަށެވެ. ދަތުރުގެ ބޭނުމަކީ ބަލިފެތުރުނު ގޮތް ބަލައި ދިރާސާކޮށް ކުރިއަށް އޮތްތަނުގައި އެފަދަ ބަލިމަޑުކަމެއް ފެތުރުމުގެ ފުރުޞަތު ކުޑަކުރުންކަމަށެވެ. އަދި ބަލި ފުރަތަމަ ފެތުރެންފެށީ ޗައިނާގައިތޯ ޔަޤީންކުރުމަކީވެސް މި ދަތުރުގެ ބޭނުމެކެވެ. މި ދަތުރުގައި ބައިވެރިވާ ޓީމު ޗައިނާގައި ހަތަރެއް ނޫނީ ފަސް ހަފްތާއަށް މަޑުކުރާންވަނީ ނިންމާފައެވެ.