ޚަބަރު

މާލެއިން އެއަރޕޯޓަށް ބަހުގެ ޚިދުމަތް އަލުން ފަށައިފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހިންގާ ގްރޭޓަރ މާލޭ ޓްރާންސްޕޯޓް ލިންކުގެ ދަށުން މާލެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާ ދެމެދު ބާއްވަމުންދިޔަ ބަހުގެ ޚިދުމަތް އަލުން ފަށަފިއެވެ.

މާލެއާއި އެއަރޕޯޓާއި ދެމެދު ބަހުގެ ޚިދުމަތް އަލުން ފަށާފައި މިވަނީ ކޯވިޑް-19އާއި ގުޅިގެން ރައްކާތެރިކަމަށްޓަކާ ބަހުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހުއެވެ. ގްރޭޓަރ މާލޭ ޓްރާންސްޕޯޓް ލިންކުން މައުލޫމާތުދެއްވާ ގޮތުގައި އަލުން ޚިދުމަތް ފަށާއިރު ބައެއް ޚިދުމަތަކަށް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން މާލެއިން އެއަރޕޯޓަށް ދިޔުމަށް މީހުން ނަގަމުންދާނީ ކާނިވާ ސަރަޙައްދުގައި ހުންނަ ބަސް ސްޓޮޕްއިންކަމަށް ޖީއެމްޓީއެލްއިން މަޢުލޫމާތުދެއެވެ.

މިގޮތަށް ނިންމާފައިވަނީ އެއަރޕޯޓަށް ދިޔުމަށް މިސަރަޙައްދުން ޑިމާންޑު ބޮޑުވާތީކަމަށްވެސް ޖީއެމްޓީއެލްއިން މައުލޫމާތުދެއެވެ. ދަތުރުތައް ޝެޑިއުލްކޮށްފައިވާ ގޮތަށް ބަލާއިރު ކޮންމެ އެއްގަޑިއިރަކުން ދަތުރުތައް ބާއްވަމުންދާނެކަމަށް ޖީއެމްޓީއެލްއިން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ޑިމާންޑު އިތުރުވަމުންދާކަމުގައިވާނަމަ ދަތުރުތައް އިތުރުކުރާނެކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ. ޖީއެމްޓީއެލްއިން މާލެއިން އެއަރޕޯޓަށް ކުރާދަތުރަކަށް ނަގަމުން ދަނީ 10 ރުފިޔާއެވެ.

ދަތުރުތައް ފެށިކަމުގައިވީނަމަވެސް ކޯވިޑް-19އަށް ރައްކާތެރިވުމުގެ ގޮތުން ޖީއެމްޓީއެލްއިން ފިޔަވަޅުތައް އަޅާފައިވާކަމަށާއި ދަތުރުކުރައްވާ ފަރާތްތަކުންވެސް ރައްކާތެރިކަމަށްޓަކާ އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކަށް ބޯލެނބުމަށް އެފަރާތުން އިލްތިމާސްކުރެއެވެ. އެގޮތުން ބަހުގައި ދަތުރުކުރުމުގައިވެސް މާސްކު ގަވާއިދުން ބޭނުންކުރުމަށާއި ވީހާވެސް ބޮޑަށް ގައިދުރުކަން އިސްކުރުމަށްވަނީ އެދިފައެވެ. އަދި ހުމާ ރޯގާގެ އެއްވެސް ޢަލާމާތެއް ހުރި މީހެއްނަމަ ދަތުރުނުކުރުމަށްވެސް ޖީއެމްޓީއެލްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެމްޕީއެލްގެ ދަށުން ހިންގަމުން އަންނަ ޖީއެމްޓީއެލްއިން އަންނަނީ މާލެއާއި ހުޅުމާލެއާއި ދެމެދުވެސް ޝެޑިއުލް ބަސް ދަތުރުތައް ބާއްވަމުންނެވެ. ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ބަހުގެ ޚިދުމަތް ބޭނުންކުރަމުން އަންނަ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މިއާއެކު ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސް ރޫޓުތަކާއި ޓަރމިނަލްތައް އަންނަނީ އިތުރުކުރަމުންނެވެ. މީގެ ދަށުން ކާނިވާ ސަރަޙައްދުގައި އިތުރު ރޫޓަކުން ބަހުގެ ޚިދުމަތް ދޭން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.

ބަހުގައި ކުރާ ދަތުރަށް އޮތް ޑިމާންޑު ބޮޑުވެފައިވީނަމަވެސް ކޯވިޑް-19އާއެކު ރައްކާތެރިކަމަށްޓަކާ ބަހަށް އެރުމުގެ ހުއްދަ ދެމުން އަންނަނީ ގައިދުރުކަން ކަށަވަރުކުރެވޭނެ ގޮތަށް މަދުންނެވެ. މިއާއެކު ކުރަންޖެހޭ ދަތުރުތައް އިތުރުވެފައިވާކަންވެސް ފާހަގަކުރެވެއެވެ.