ޚަބަރު

ހައި-ސްޕީޑް ފެރީއާއެކު ގިނަ މައްސަލަތަކަކަށް ޙައްލު ލިބި، އިޤްތިޞާދީ ކުރިއެރުން ކަށަވަރުކުރެވޭނެ


ޤައުމީ ފެރީ ވިއުގައިގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކަށް ޙައްލެއް ލިބި، ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ މިހެން ވިދާޅުވީ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ހަ ޒޯނަކަށް ބަހާލައިގެން ރާއްޖޭގެ ޤައުމީ ފެރީ ވިއުގަ ޤާއިމުކުރުމުގެ ފްރޭމްފޯކް އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން ޢައިޝަތު ނަހުލާ ވިދާޅުވީ ޤައުމީ ފެރީ ވިއުގައަކީ ރާއްޖޭގެ އިޤްތިޞާދާއި ޓްރާންސްޕޯޓްގެ ސިނާޢަތަށް ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެމްޓީސީސީން ފެރީގެ ޚިދުމަތުގައި ރާއްޖޭގައި ބަންނަ ފެރީތައް ބޭނުންކުރުމަކީ ބޯޓު ބަނުމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއްކަމަށެވެ. އަދި އަތޮޅުތެރޭގެ ދަތުރުފަތުރު އިތުރުވެ، ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް އެކަމުގެ ސަބަބުން ފަހިވެގެންދާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. މީގެއިތުރުން ފެރީ ނިޒާމާއެކު ސިއްޙީ ޚިދުމަތް ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދާ ފަރާތްތަކަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މީގައި އަޅުގަނޑުމެން ބޭނުންކުރާނީ އާދައިގެ ދޯނި ފެރީގެ ބަދަލުގައި ހައިސްޕީޑް ފެރީ ނުވަތަ ލޯންޗުތައް. އެމްޓީސީސީއާއެކު މިމަސައްކަތް ކުރިއަށްގެންދެވުމުން ފެރީގެ ޚިދުމަތް މެދުނުކެނޑިދެވޭނެކަމުގެ ޔަގީންކަން އެބަލިބިގެންދޭ. މިކަމުގައި ރާއްޖޭގެ އުފެއްދުންތައް ބޭނުންކުރުމަކީ މިސިނާޢަތަށް ލިބޭ އިތުރުކުރިއެރުމެއް" މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޤައުމީ ފެރީ ވިއުގައިގެ މަޝްރޫޢުއާއެކު ސަރުކާރުގެ ދަތުރުފަތުރުގެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤުސަދަށް ވާސިލުވެވުނީކަމަށެވެ. މިއީ ބޮޑު މަޝްރޫއެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މިމަސައްކަތް ނިމިގެންދާއިރު ރައްޔިތުން ޝަކުވާ ނުކުރާފަދަ ޚިދުމަތެއް ދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

"ޕްލޭނިންގ މިނިސްޓްރީން އަޅުގަނޑުމެނާ މަޝްރޫޢު ޙަވާލުކުރީ ވަކި ކަންކަމަކަށް ޝަރުތުކުރުމަށްފަހު. އެގޮތުން ހަފްތާއަކު 7 ދުވަހު ޚިދުމަތްދިނުމަށާއި އެއްވެސް ގޮތަކަށް ޚިދުމަތަށް ބުރުނާރާ ޙާލަތަކަށް ބެކަޕް ޕްލޭނެއް އޮތުމާއެކު އެންމެ ޑިމާންޑް ބޮޑު ސަރަޙައްދުތަކުގައި ދުވާލަކު 2 ދަތުރު ބޭއްވުމަށްވެސް ވަނީ ޝަތުރުކޮށްފަ. އަދި އެއަރޕޯޓާއި ހޮސްޕިޓަލް ހުންނަ ރަށްރަށަށް ކޮންމެހެން ޚިދުމަތްދޭންޖެހޭނެ ކަމަށްވަނީ ޝަރުތުކޮށްފަ" އާޒިމް ވިދާޅުވިއެވެ.

މިޚިދުމަތް ދިނުމަށް ފްރޭމް ވޯކް އެކުލަވާލާފައިވަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. އަދި ޚިދުމަތް ދިނުމުގައި 3 ރޫޓެއް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ކައިރި ރަށްރަށްކުރާ ކުރު ދަތުރުތަކަށް ކޮމިއުޓަރ ލިންކާއި ޚާއްސަ ޙާލަތްތަކުގައި ދުރު ރަށްރަށަށް ބާއްވާ ނޮންކޮމިއުޓަރ ލިންކާއި އެއްޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ. ޚިދުމަތުގައި އެމްޓީސީސީން ބޭނުންކުރުމަށް ނިންމާފައިވަނީ 40-50 ދެމެދުގެ ޖާގައިގެ 47 ފޫޓުގެ ލޯންޗެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން އަންނަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހއ އަދި ހދގެ އިތުރުން ށ.އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް އިތުރު އެއްބަސްވުމަކާއެކު ވަނީ ނިންމާފައެވެ. ފުރަތަމަ ޒޯންގައި 41 ރަށަކަށް ޚިދުމަތްދިނުމަށް ތައްޔާރުވަމުން އަންނަކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ފެރީ ޚިދުމަތްދިނުމަށް އެމްޓީސީސީގެ ފަރާތުން ފެރީ ޓަރމިނަލް ޤާއިމުކުރުމާއި މަޝްރޫޢަށް ބޭނުންވާ ފެރީ ހޯދުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމް.ޓީ.ސީ.ސީއަށް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ މިދިޔަ އަންގާރަދުވަހުއެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް ތަޢާރުފުކުރުމުގެ އެއް މަޤްޞަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.