ޚަބަރު

ކޯވިޑް-19 : މިއަދު 196 ޕޮޒިޓިވް، ނުރައްކާ ބޮޑުވަނީ


ރާއްޖެއިން އިތުރު 196 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ރާއްޖެއިން މި ބަލި ޖެހިގެން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު މިވަނީ 17،249އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 196 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 178 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން 4 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި 2 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 19،793އަށް އަރާފައެވެ.

ވޭތުވެދިޔަ 24ގަޑިއިރު 117 މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވިމީހުންގެ ޖުމްލަ ޢަދަދުވަނީ 17،249އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،475 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 179 މީހުންނަށްދަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 5142 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިވަނީ 523،778 އަރާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 62 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 8 ބިދޭސީންނެވެ.