ވޯލްޑްކަޕް ކޮލިފައިންގައި ވާދަވެރި ބްރެޒިލްއާއި
ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ފޯވާޑް ކާލޯސް ތެވޭޒަށް ނުކުޅެވޭނެކަން
ޔަޤީންވެއްޖެއެވެ.
މާދަމާ ބްރެޒިލްއާއި ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގައި ތެވޭޒަށް
ނުކުޅެވޭއިރު، ކެޕްޓަން ލަޔަނެލް މެސީ އަދި މުހިންމު ފޯވާޑް ސާޖިއޯ އަގުއޭރޯވެސް
ހުރީ އަނިޔާގައެވެ. ވާތު ފައިގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ވޯލްޑްކަޕް
ކޮލިފައިންގައި ބްރެޒިލްއާއި ދެކޮޅަށް ކުޅޭ މެޗާއި ކޮލަމްބިޔާއާއި ދެކޮޅަށް ކުޅޭ
މެޗުގައިވެސް ތެވޭޒަށް ނުކުޅެވޭނެކަން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރުވަނީ
ޔަޤީންކޮށްދީފައއެވެ.
ވޯލްޑްކަޕް ކޮލިފައިންގައި މިހާތަނަށް އާޖެންޓީނާ ކުޅުނު ދެ
މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އެޓީމްވަނީ އިކުއެޑޯރ އަތުން ދޭއް ސުމެއްގެ
ނަތީޖާއަކުން ބަލިވެފައެވެ. އަނެއް މެޗުގައި ޕެރެގުއޭއާއި ދެކޮޅަށް ނިކުމެ މެޗް
ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.