ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް ސަސްއިން ތާވަލްގެ 5ވަނައަށް ޖެހިލައިފި



ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާނޑޭ ބަލިކޮށް ލީގް ތާވަލްގެ 5ވަނައަށް ސުޕަރ ޔުނައިޓަޑް ސްޕޯޓްސް ކުލަބް (ސަސް) ޖެހިލައިފިއެވެ. ސަސްއިން ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދާފައިވަނި 2 ލަނޑު 1 ލަނޑުންނެވެ.

މެޗްގެ މުހިންމުކަމުގެ ވާހަކަ ދެ ޓީމުގެ ކޯޗުންވެސްވަނީ މެޗުގެ ކުރިން ބުނެފައެވެ. މެޗުގެ ވަރަށް ކުރީކޮޅުގައި ސަސްގެ ޢަބްދުﷲ ޖުނައިދު އޭރިޔާގެ ތެރޭގައި ހުރެފައި ބޮލުން ބޯޅަ ފޮނުވާލީ ނަމަވެސް އެބޯޅަ ދިޔައީ ގޯލުގެ ދަނޑިކައިރިން ބޭރަށެވެ. މެޗުގައި ދަ ގްރާންޑޭއަށް ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ މެޗުގެ 17ވަނަ މިނެޓްގައެވެ. އޭރިޔާގެ ބޭރުން އިބްރާހިމް ނޫރައްދީން ފޮނުވާލި ހަމަލާވަނީ ސަސްގެ ކީޕަރު މިރްޒޮހިދު ދިފާޢުކޮށްފައެވެ. މިމެޗްގައި ދެ ޓީމުންވެސް ހަމަލާތަށް އުފެއްދިނަމަވެސް، ދެ ޓީމުގެ ކީޕަރުންދިޔައީ އެހަމަލާތައް ދިފާއު ކުރަމުންނެވެ. އެގޮތުން މެޗުގައި އެންމެ ފުރަތަމަ ލީޑް ނަގާ ކުރިހޯދީ ސަސްއިންނެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މެޗްގެ 31 ވަނަ މިނެޓްގައި އަހުމަދު ނަޝާޙްއެވެ. ސަސްގެ މިލަނޑަށްފަހު ދަ ގްރާންޑޭއިން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެޓީމުގެ މުހައްމަދު ސަމާހުއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ސަސްއިންވަނީ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ލަނޑެއްޖަހާ ލީޑް ފުޅާކޮށްފައެވެ. މެޗްގެ 48ވަނަ މިނެޓުގައި މިލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު ޑިފެންޑަރު މުޙައްމަދު ރަޝީދުއެވެ. ދެ ގޯލްގެ ލީޑަކާއެކު ސަސްއިން ކުޅެމުންދިޔަ ނަމަވެސް ދަ ގްރާންޑޭއިންވެސްވަނީ އެޓީމް ކުޅުން ރަގަނޅުކޮށް ކުރިއަށްޖެހިގެން ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. އެގޮތުން މެޗުގެ 56ވަނަ މިނެޓުގައި ދަ ގްރާންޑޭއިންވަނީ ލަނޑެއްޖަހާ ދެ ލަނޑުގެ ލީޑެއް އެއް ލަނޑަށް ހަނިކޮށްފައެވެ. މިލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޔަސްފާދު ހަބީބުއެވެ. ދަ ގްރާންޑޭގެ މިލަނޑަށްފަހު އެޓީމުން ކުޅުން ވަރަށް ބޮޑުތަން ރަގަނޅުވެގެންދިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޔަސްފާދު ހަބީބު މެޗްގެ 63ވަނަ މިނެޓްގައި ފޮނުވާލި ހަމަލާ ދިޔައީ ގޯލް ކައިރިން ލާފައި ބޭރަށެވެ. ސަސްއަށްވެސް ލަނޑު ޖަހާނެ ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް މީގެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް ހިފޭގޮތެއް ނުވިއެވެ. އަދި ދަ ގްރާންޑޭއިން ލީގުގެ ފުރަތަމަ ބުރުގައި ދެއްކި މޮޅު ކުޅުން ފަހަކަށް އައިސް އެޓީމަށް ނުދެއްކޭކަންވެސް ފާހަގަކޮށްލެވެއެވެ. މިމެޗުން މޮޅުވުމުން ސަސް ތާވަލްގެ ފަސްވަނައަށް ޖެހިލީ އެޓީމު ކުޅުނު 14 މެޗުން ލިބިފައިވާ 15 ޕޮއިންޓްއާއެކުއެވެ.