މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވަކި ޚިދުމަތެއްގެގޮތުގައި ދޭން ފެށުމާއެކު ޤައިދީން ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކުރެވި، ރަނގަޅު ނިޒާމުތަކެއް ޤާއިމުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 50 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.
ހޯމް މިނިސްޓަރގެ ތަޙުނިޔާގެ މެސެޖުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 50 އަހަރު ފުރޭ މުނާސަބަތުގައި އެ ސަރވިސްގެ އިސްވެރިންނަށާއި ހުރިހާ މުވައްޒަފުންނަށާއި މުވައްޒަފުންގެ އާއިލާތަކަށް ވަނީ ޝުކުރާއި ތަޙްނިޔާ އަރިސްކުރައްވާފައެވެ. އަދި ކަރެކްޝަނަލް ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތަކީ އެ ޚިދުމަތުގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިއްމު ޚިދުމަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ވަކި ޚިދުމަތެއްގައި ގޮތުގައި ދޭން ފެށުމާއެކު ރާއްޖޭގައި ޒަމާނުންސުރެއް ކުށްވެރިން ބެލެހެއްޓުމުގެ ކަންކަން ކުރަމުންދިޔަ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސް ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އަދި މުޖުތަމަޢެއް ކުށުގެ ވެށިންނާއި ނުރައްކަލުން ސަލާމަތްވެ ތިބުމަށްޓަކާ، ކުށް ކުރާ ފަރާތްތައް ބެލެހެއްޓުމަކީ މުހިއްމު ޒިންމާއެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި ޒަމާނުއްސުރެއް ކުށްވެރިން ބެލެހެއްޓުމުގެ ކަންކަން ބަދަލުވެ ތަރައްޤީވަމުން އައިސް މިއަދު ކަރެކްޝަނަލް ސަރވިސް ޚިދުމަތަކަށް ބަދަލުވެ ކުށްވެރިން ބެލެހެއްޓުމުގައި ރަނގަޅު ނިޒާމުތަކެއް ޤާއިމުކުރެވި ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުށްވެރިން ރިހެބިލިޓޭޓްކުރެވި، ފަރުވާ ދެވި، އަދި ގިނަ ފަހަރަށް ހުނަރުތަކެއް ލައިދެވި މުޖުތަމަޢުއަށް ކުށްވެރިން ނެރުމުގެ ބޮޑެތި ޒިންމާތައް އަދާކުރުމުގެ މަސައްކަތް ސިސްޓަމެޓިކް ގޮތަކަށް ކުރެވެމުން ދިއުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިއްމުކަމެއް" ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
Celebrating 50 years of dedicated service!
— Maldives Correctional Service (@CorrectionsMv) August 14, 2021
Maafushi Prison pic.twitter.com/rVGsFhI9OS
ޖަލުތަކުގެ ޙާލަތު ރަނގަޅުކޮށް ކުށްވެރިން ރިހެބިލިޓޭޓްކޮށް ކުށްވެރިންނަކީ އިސްލާޙްކުރެވިފައިވާ ހެޔޮ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ކަރެކްޝަނަލް ސަރވިސްގެ މުޅި ލިޑަރޝިޕާއި ހުރިހާ އޮފިސަރުން ގުޅިގެން ކުރައްވާ މަސައްކަތަށް ހޯމް މިނިސްޓަރ އިމްރާން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކަރެކްޝަނަލް ސަރވިސްގެ މަސައްކަތުން އަމާން ސުލްޙަވެރި މުޖުތަމަޢެއް ރާއްޖޭގައި ޤާއިމުކުރެވިގެން ދިއުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުއްމީދެއްކަމަށާއި، އެކަމުގައި އެންމެން އެކުވެ މަސައްކަތް ކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަކީ ވަކި މުއައްސަސާއެއްގެގޮތުގައި އުފައްދާފައިވަނީ 31 ޑިސެމްބަރު 2013 ގައެވެ. މި ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މައްޗަށް ކުރުން ލާޒިމްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ޖަލުތަކުގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމަކަށް ހެދުމާއި، ޤައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. އަދި ޤައިދީންނަށް ތަފާތު އެކިއެކި ރޮނގުރޮނގުން ތަމްރީނުދީ އެކިއެކި ހުނަރުދަސްކޮށްދީ، ޤައިދީން ކުށްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމަޢަށް ގެނައުމަށް ބާރުއެޅުންވެސް ހިމެނެއެވެ.
މީގެ އިތުރުން ޝަރީޢަތުން ކޮށްފައިވާ ޙުކުމާއެއްގޮތަށް ޙުކުމް ތަންފީޒް ކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ޤާނޫނަކުން ބާރުލިބިގެން ތަޙުޤީޤުކުރާ އިދާރާތަކުން ތަޙުޤީގު މަރުޙަލާގަޔާއި ޝަރީޢަތުގެ މަރުޙަލާގައި މީހުން ބަންދުގައި ބައްތިއްބާނެ ތަންތަނާއި އުސޫލުތައް ކަނޑައެޅުމުގެ ޒިންމާވެސް މަތިކޮށްފައިވަނީ އެ މުއައްސަސާގެ މައްޗަށެވެ.