ޚަބަރު

ބޫސްޓާ ޑޯޒް ޖަހަން އެޕޮއިންޓްމަންޓަށް ހުޅުވާލައިފި


ކޯވިޑް ވެކްސިންގެ 2 ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުން ނުރައްކާ ބޮޑު މީހުންނަށް ބޫސްޓަރ ޑޯޒްޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ book.hpa.gov.mv އިން އެޕޮއިންޓްމަންޓް ހައްދައިގެން ބޫސްޓަރ ޑޯޒް ޖެހުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތް ދޭ މީހުންނަށް 3ވަނަ ޑޯޒެއް ދޭން ނިންމާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ބޫސްޓަރ ޑޯޒް ޖެހުމުގައި ޢުމުރުން 60 އަހަރު މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް އިސްކަންދޭނެކަމަށެވެ. އަދި މި ވަގުތު ވެކްސިންގެ ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖެހުމަށް ހަމަޖައްސާފައިވަނީ ފައިޒާ ވެކްސިން އެކަނިކަމަށާއި މި ޑޯޒް މިއަދުން ފެށިގެން ވަނީ ޖަހަން ފަށާފައެވެ.

ބޫސްޓާ ޑޯޒެއް ޖަހައިދޭނީ ކޯވިޑްގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން، ހަ މަސް ދުވަސް ވެފައިވާ މީހުންނަށް އެކަންޏެވެ.

މި ވަގުތު ފައިޒާ ވެކްސިނުން އެކަނި ބޫސްޓާ ޑޯޒް ދޭން ނިންމާފައިވާއިރު އެޗްޕީއޭއިން ވިދާޅުވީ ވެކްސިންގެ ބޫސްޓާ ޑޯޒް ދޭނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން، އެޕޮއިންޓްމަންޓް އުސޫލުން އެކަނިކަމަށެވެ. މިގޮތުން އޭޑީކޭ ހޮސްޕިޓަލުން ހެނދުނު 9:00އިން މެންދުރު 14:00އަށެވެ. އަދި ހުޅުމާޅެ ހޮސްޕިޓަލުން މެންދުރު 13:00އިން 15:00އަށް ވެކްސިން ޖަހައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބޫސްޓަރ ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ މީހުން

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
  • ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން
  • ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރުން)
  • ޤަވާއިދުން ޑަޔަލިސިސް ހަދާ މީހުން
  • ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން
  • އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
  • އޮކްސިޖަން ތެރެޕީ ނަގާ މީހުން
  • ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން
  • ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
  • ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން
  • ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ މީހުން

ރާއްޖޭގައި މިވަގުތު އެސްޓްރަޒެނަކާ އަދި ފައިޒަރ ވެކްސިން އަންނަނީ ޖަހާދެމުންނެވެ. މިގޮތުން ފައިޒަރ ވެކްސިން ޖަހާދެމުން އަންނަނީ އުމުރުން 12 މަތީގެ ސްކޫލް ކުދިންނަށާއި ހާއްސަ ހާލަތުގައި ތިބި މީހުންނަށެވެ.

ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 392،000އަށްވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ. އަދި ދެވަނަ ޑޯޒް 339،000އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.