ކުޅިވަރު

ބާކީ އެއް މެޗު އޮތްވައި ރާއްޖެ ކޮލިފައިނުން ކަޓައިފި


ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ޓީމުން ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެއްޖެއެވެ. ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގެ ތިންވަނަ މެޗްގައި ރާއްޖޭގެ ޓީމް ބަލިވެފައިވަނީ ބަހްރެއިނާ ވާދަކޮށް ހަތް ވިކެޓުންނެވެ. ތިން މެޗުން ބަލިވުމާއި ގުޅިގެން ރާއްޖޭގެ ކްރިކެޓް ޓީމުވަނީ ކޮލިފައިނުން ކަޓާފައެވެ. ކޮލިފައިނުން ރާއްޖެ ކަޓާފައި އޮތްއިރު އަދި ރާއްޖެއަށް ބާކީ އެއް މެޗު އެބައޮތެވެ. މިމެޗުގައި ރާއްޖެ ކުޅެން ޖެހޭނީ ކުވެއިތާ ދެކޮޅަށެވެ.

މެޗުގެ ޓޮސް ދިމާވުމުން ބަހްރެއިނުން ނިންމީ ކުޅެންއަރާށެވެ. މިއާއެކު ރާއްޖެއިން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 88 ލަނޑެވެ. ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 31 ލަނޑު ހެދި އުމަރު އާދަމާއި 15 ބޯޅައިން 15 ލަނޑު ހަމަކުރި މުޙައްމަދު ރިޝްވާނެވެ. ޖަވާބުގައި ބަހްރެއިން ކުޅެންއަރާ 7 އޯވަރުގައި 3 ކުޅުންތެރިން ނުބައިވެގެން 93 ލަނޑު ހަދައި މެޗް ކާމިޔާބުކުރިއެވެ. މިމެޗްގައި ބަހްރެއިނުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅަ އިން 31 ލަނޑު ހެދި މުޙައްމަދު ޔޫނިސްއެވެ.

މިމުބާރާތުގެ ކޮލިފައިންގައި ރާއްޖެއިން މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ ހަތް ވިކެޓުންނެވެ. އަދި ގަތަރު އާއި ދެކޮޅަށް ކުޅުނު މެޗްގައި ރާއްޖެ ބަލިވެފައިވަނީ 98 ލަނޑުންނެވެ.