ކުޅިވަރު

މުނިއުފާ ފެންވަރު ރަނގަޅު ޓީޓީ ހޯލަކަށް ބަދަލު ކުރަނީ


މުނި އުފާގައި ފެންވަރު ރަނގަޅު ޓީޓީ ހޯލަކާއި އޮފީސް އިމާރާތެއްގައި އެޅުމުގެ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޓީޓީގެ ފަރިތަކުރުންތައް މިހާރު ކުރިއަށްދަނީ މުނިއުފާގައި ހަދާފައި ހުންނަ ޓީޓީ ހޯލުގައެވެ. މިވަގުތު އެ ހޯލުގައި ހުންނަނީ ފަސް ޓީޓީ މޭޒެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ޚާއްސަ ރައްމިސްޔާތެއްގައިވަނީ މުނި އުފާގައި ފެންވަރު ރަނގަޅު ޓީޓީ ހޯލަކާއި އޮފީސް އިމާރާތެއް އެޅުމުުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރީ އެސޯސިއޭޝަންގެ ރައީސް ޢަލީ ރަޝީދު (އައްޔަ)އެވެ. މިއެއްބަސްވުމުގެ ދަށުން މުނިއުފާގައި މިހާރުވެސް ޓީޓީ ކުޅެމުންދާ ހޯލު އިތުރަށް ބޮޑުކޮށް، މިހާރު އެހޯލުގައި އިން ފަސް މޭޒުގެ ބަދަލުގައި މަދުވެގެން 8 މޭޒު ބެހެއްޓޭގޮތަށް އިމާރާތް ބޮޑު ކުރުން ހިމެނެއެވެ. އަދި ދެ ފަންގިފިލައަށް ހަދާ އޮފީސް އިމާރާތެއްވެސް ހެދުމަށްވަނީ ހަމަޖެހިފައެވެ. ދެ ފަންގިފިލައަށް ހަދާ އޮފީސް އިމާރާތުގެ ތިރީބައިގައި ހެދުމަށް ހަމަޖެހިފައިވަނީ ގުދަނެކެވެ. އަދި މަތި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އޮފީސް ބައެއް ގޮތަށެވެ. މި ހޯލާއި އޮފީސް އިމާރާތުގެ މަސައްކަތް ފަށާތާ 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މިއެއްބަސްވުގައި ސޮއިކުރުމަށްފަހު މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވީ މިހޯލްއާއެކު ޓީޓީގެ ފަރިތަކުރުންތަކަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށާއި މުބާރާތްތަށް ބޭއްވުމަށްވެސް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެކަމަށެވެ.

"މިތަން ނިމޭއިރު، 8 މޭޒު ބޭންދޭނެ އަދި މުބާރާތަށްވެސް އެއްވެސް ހުރަހެއް ނެތި ބޭއްވިގެންދާނެ. މިހާރު މުބާރާތަށް ބާއްވަން ޖެހެނީ ސޯސަލް ސެންޓަރުގަ. އެތަނަކީ ބާސްކެޓް، ނެޓްބޯކް އަދި ވޮލީއާއެކު ޝެއަރ ކުރާތަނެއް. އެހެންކަމުން މުބާރާތަށް ބޭނުންވާ ގޮތަށް ބާއްވަން ވަރަށް އުދަގޫވޭ. ކޯވިޑް-19އާއި ގުޅިގެން ވައިޑީޕީ ޕްރޮގްރާމްތަށް ފާއިތުވެގެންދިޔަ ދެ އަހަރު ކުރިއަށް ނުގެންދެވުނު އެންމެ ރަނގަޅަކަށް. މި ހޯލާއެކު އެކަންކަމަށްވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ." އަލީ ރަޝީދު ބުންޏެވެ.

ޓޭބަލް ޓެނިސްއިންވަނީ ފާއިތުވެގެންދިޔަ ދެ ތިން އަހަރެއްގެ ތެރޭގައި ރާއްޖެއަށް ވަރަށް ބޮޑު ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓޭބަލް ޓެނިހުން ވަނީ 3 ރަން މެޑަލް ހޯދައިދީފައެވެ.