ޖެހިޖެހިގެން ތިންވަނަ ފަހަރަށް ގައުމީ ބެޑްމިންޓަން ފައިނަލުން ނިބާލްބަލިވެ، ފުރަތަމަ ފަހަރަށް ގައުމީ ޗެންޕިއަންކަން ޠާއިފް ހޯދައިފިއެވެ. ނިބާލް ޤައުމީ ފައިނަލްގައި މިހާރު ތިންފަހަރު ވާދަކޮށްފައިވާއިރު، މީގެ ކުރިން ދެ ފަހަރު ނިބާލް ޤައުމީ ފައިނަލުން ބަލިވެފައިވަނީ އަޖުފާން ރަޝީދާއި ވާދަކޮށްގެންނެވެ.
ޤައުމީ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ހޯދި ޠާއިފަށް ފުރަތަމަ ސެޓް ގެއްލުނީ 11-21އިންނެވެ. މެޗްގެ ފުރަތަމަ މެޗްގައި ނިބާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ޠާއިފް ފަރާތުން ގިނަ ގޯސްތަކެއްވެސް ފެނިގެންދިޔައެވެ. ނަމަވެސް މެޗްގެ ދެވަނަ ސެޓްގައި ޠާއިފްވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްފައެވެ. ދެވަނަ ސެޓްގެ މެދުތެރެއަކާއި ހިސާބުން ނިބާލްގެ ކަކުލަށް އަނިޔާވެ، މެޗް ކުރިއަށް ގެންދިއުމަށް ގިނަ ހުރަސްތަކަކާއި އޭނާއަށް ކުރިމަތިވިއެވެ. ފުންމައިގެން އަރައި، ފައި ބޭންދުނު ގޮތަކުން ނިބާލްގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެޗުގެ ފަހު ދެ ސެޓްވެސް ނިބާލް ކުޅެފައިވަނީ އަނިޔާގައި ހުރެގެންނެވެ. މިއާއެކު ނިބާލަށް އޭނާގެ އަސްލު ކުޅުންދެއްކޭ ގޮތެއް ނުވިއެވެ. މެޗް ދެވަނަ ސެޓާއި ތިންވަނަ ސެޓްގައި ޠާއިފްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ފަހު ދެ ސެޓް ޠާއިފް ގެންދިޔައީ 23-11 އަދި 21-18އިންނެވެ.
މެޗަށްފަހު ޠާއިފްބުނީ މެޗްގެ ފުރަތަމަ ސެޓް ގެއްލުނީ އަމިއްލަ މިސްޓޭކުން ކަމަށާއި މިފަހަރުގެ ޤައުމީ މުބާރާތް ކާމިޔާބުކުރުމަށް ލިބުނު ވަގުތާއި ބަލާފަ ވަރަށް ބޮޑަށް ތައްޔާރުވިކަމަށެވެ. ޚާއްސަކޮށް ފުރަތަމަ ސެޓް ގެއްލުމުން ދެވަނަ ސެޓަށް ނިކުތީ ވަރަށް ބޮޑަށް ހިތްވަރުލާ މެޗް ކާމިޔާބުކުރުމުގެ އަމާޒްގައެވެ.
މެޗަށްފަހު ނިބާލްބުނީ މެޗް ގެއްލުނީ އަމިއްލަ މިސްޓޭކްތަކެއްގެ ސަބަބުންކަމަށާއި ދެވަނަ ސެޓްގައި އަނިޔާވުމާއި ގުޅިގެން މުބާރާތުގައި ކުރިއަށް ދިއުމަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. އަދި މިފަހަރުގެ ޤައުމީ މުބާރާތް ގެއްލުނީތީ، ވަރަށް ބޮޑަށް މާޔޫސްވާކަމަށާއި ނަމަވެސް އަދިވެސް ހިތްވަރު ދޫކޮށްނުލާނެކަމަށެވެ.
ޠާއިފް އެންމެ ފުރަތަމަ ގައުމީ ފައިނަލްގައި ވާދަކޮށްފައިވަނީ 2015ވަނަ އަހަރުއެވެ. އެފަހަރުގެ ގައުމީ މުބާރާތުން ޠާއިފް ބަލިވެފައިވަނީ އަޖުފާން އަތުންނެވެ. ޤައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެންޕިއަންކަން ހޯދާފައިވަނީ ހަސަން އަފްޝީން އާއި ހިޝާމް ލަޠީފްގެ ޕެއަރއެވެ. މިޕެއަރ ޗެންޕިއަންކަން ހޯދާފައިވަނީ ޠާއިފާއި މުޙައްމަދު ވަސީމްގެ ޕެއަރ އާއި ވާދަކޮށްގެންނެވެ. އެއީ 21-17، 19-21 އަދި 21-12 އިންނެވެ.