ކުޅިވަރު

ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް މާޒިޔާއަށް ސޮއިކޮށްފި


ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް ޢަބްދުލްޣަނީ ލީގު ޗެމްޕިއަން މާޒިޔާއަށް ސޮއިކޮށްފިއެވެ. މިދިޔަ އަހަރު އަކްރަމް ކުޅެފައި ވަނީ ކްލަބް ވެލެންސިއާއަށެވެ. އަކޫ އަކީ މާޒިޔާ އިން ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް އެ ކްލަބަށް ގެންދިޔަ ކުޅުންތެރިޔާއެވެ. މާޒިޔާއިން ވަނީ ނޭޕާލްގެ ކެޕްޓަން އަދި އެއް ނަމްބަރު ގޯލުކީޕަރު ކިރަން ކުމާރް ސެމްޝޮން ވެސް އެކުލަބަށް ގެނެސްފައެވެ. އަކްރަމްވަނީ މީގެ ކުރިން 2011 ވަނަ އަހަރު މާޒިޔާ އަށް ކުޅެފައެވެ.

ރާއްޖެއިން ދެ ފަހަރު ސަރަހައްދުގެ ރަން ތަށި ގެނައި ޓީމުގައި ހިމެނުނު އަކްރަމް އަކީ ޑިފެންސްގެ ކޮންމެ މަގާމަކާއި މެދުތެރެއަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ.
އަކްރަމް އޭނާގެ ފުޓުބޯޅަ ކެރިއަރު ފެށީ ވެލެންސިއާއިންނެވެ. އެ ޓީމަށް އޭނާ ފުރަތަމަ ކުޅުނީ 2006 ވަނަ އަހަރެވެ. އޭގެ ފަހުން 2007 އިން 2009 އަށް އަކޫ ފެނުނީ ނިއު ރޭޑިއަންޓުންނެވެ. ނިއު ދޫކޮށް 2010 ވަނަ އަހަރު ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު 2011 ވަނަ އަހަރު އަކްރަމް ހޭދަކުރީ މާޒިޔާގައެވެ. އަދި 2012 ވަނަ އަހަރު ވިކްޓްރީ އަށް އަކްރަމް ވަނީ ކުޅެފައެވެ.

އަކްރަމް ދެވަނަ ފަހަރަށް ވެލެންސިއާ އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އޭގެ ފަހުން ނިއު އަށް އަނެއްކާ ވެސް ބަދަލުވިއެވެ. ނިއު އަށް 2014 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ކުޅެ، 2015 އާއި 2016 ކުޅުނީ އަނެއްކާ ވެސް ވެލެންސިއާއަށެވެ. ވެލެންސިއާ ދޫކޮށް 2017 ގައި ނިއު އަށް ބަދަލުވެ، އެ ޓީމަށް ކުޅުނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ވަނީ ކުޅެފައެވެ. ޓީސީ ދޫކޮށް މިދިޔަ ސީޒަނުގައި ވަނީ ވެލެންސިއާ އަށް ހަތަރު ވަނަ ފަހަރަށް ބަދަލުވެފައެވެ.
މިދިޔަ އޮގަސްޓް މަހު ކްލަބް އީގަލްސްއިން އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި އަކްރަމް ވަނީ އީގަލްސް އަށް ކުޅެފައެވެ.

ގައުމީ ޓީމުގެ ކެޕްޓަނަކަށް އަކްރަމް ހަމަޖެއްސީ 2018 ވަނަ އަހަރު ގައުމީ ޓީމުގެ ކޯޗުކަމާ ޕީޓަ ސެގާޓް ހަވާލުވުމަށްފަހުއެވެ. އަކްރަމްގެ ކެޕްޓަންކަމުގެ ދަށުގައި ރާއްޖެއިން ވަނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފައެވެ.

މާޒިޔާއަށް ކުރިއަށް އޮތް ސީޒަނުގައި ކޯޗު ކޮށްދޭނީ މުޙައްމަދު ޝިޔާޒް (މޯހަން)އެވެ. ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ވާދަކުރާނީ ވެލެންސިއާއާއެވެ. މިއަހަރުގެ ފުޓުބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތަކީ އަންނަ މަހު 15 ގައި ފެށުމަށް ހަމަޖެހިފައިވާ ޕްރެޒިޑެންޓްސް ކަޕެވެ.