ކުޅިވަރު

ޓީ20 ކްރިކެޓް ލީގުގައި ނިއު ސްޓާ އާއި މާލޭ ސްޕޯޓްސްއަށް މޮޅެއް


ޓީ20 ކްރިކެޓް ލީގުގައި ކުޅުނު ފުރަތަމަ މެޗްތައް ނިއު ސްޓާ އާއި މާލޭ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމްކޮށްގެން ރާއްޖޭގެ ކުލަބްތަކަށް ހުޅުވާލައިގެން ބާއްވާ ޓީ20 ކްރިކެޓް ލީގުގައި އިއްޔަގައި ކުޅުނު ފުރަތަމަ މެޗް ނިއު ސްޓަރ މޮޅުވީ އައިޒީއާ ވާދަކޮށް ފަސް ވިކެޓުންނެވެ.

މިމެޗްގައި ޓޯސް ދިމާވުމުން އައިޒީން ގަސްތުކުރީ ކުޅޭށެވެ. އެޓީމް ކުޅެންއަރައި 20 އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 122 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 65 ބޯޅައިން 64 ލަނޑު ހެދި ޓީމުގެ ކެޕްޓަން މުޙައްމަދު އަފްލާހެވެ. މި އިނިންގްސްގައި ނިއު ސްޓާ އިން އެންމެ ރަގަޅަށް އުކީ ހަތަރު އޯވަރު 24 ލަނޑަށް 5 ވިކެޓް ނެގި މެޗުގެ މޮޅު ކުޅުންތެރިޔާ، އިސުރު ސަމީރާއެވެ. ޖަވާބުގައި ނިއު ސްޓާއިން ކުޅެން އަރައި 16 ވަނަ އޯވަރާ ހަމައަށް ދިޔައިރު 5 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 128 ލަނޑެވެ. ނިއު ސްޓަރއިން އެންމެ ރަގަނޅަށް ކުޅުނީ ސްރީކާންތު ނަޔަރާއި ޝަފީގުލްއެވެ. ސްރީކާންތު 43 ލަނޑު ހެދިއިރު، ޝަފީގުލް ވަނީ 36 ލަނޑު ހަދައިފައެވެ. ޓީމު ކެޕްޓަން މަނޯ ވަނީ 22 ލަނޑު ހާދާފައެވެ.

ދެވަނަ މެޗް މާލެ ސްޕޯޓްސް ކުލަބް މެޗް ކާމިޔާބުކޮށްފައިވަނީ ކޮމެޓްސްއާއި ވާދަކޮށް 6 ވިމެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި ޓޮސް ދިމާވުމުން ކޮމެޓްސް ކްރިކެޓް ކްލަބުން ނިންމީ ކުޅޭށެވެ. އެ ޓީމުން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު، 6 ކުޅުންތެރިން ނުބައިވެގެން 150 ލަނޑު ހެދިއެވެ. އެ ޓީމުގެ އަހުމަދު ހަސަން ސޯބިރު 33 ބޯޅައިން 66 ލަނޑު ހެދިއިރު، އަހުމަދު އަމީލް ނުބައި ނުވެ 43 ލަނޑު ހެދިއެވެ. ޖަވާބުގައި މާލޭ ސްޕޯޓްސް ކްލަބުން ކުޅެން އެރިއިރު، ވާރޭގެ ސަބަބުން ތިން ފަހަރު މަތިން މެޗު ހުއްޓާލަން ޖެހި، ސްޓޭޑިއަމް އަނދިރިވުމުގެ ސަބަބުން އަމްޕަޔަރުން ނިންމީ 14 އޯވަރު ކުޅޭ ގޮތަށެވެ. އެ ގޮތުން 14 އޯވަރުގެތެރޭގައި މާލޭ ސްޕޯޓްސް ހަދަން ޖެހުނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 100 ލަނޑެވެ. އެހެންނަމަވެސް، 14 އޯވަރު ނިމުނުއިރު މާލޭ ސްޕޯޓްސް ކުލަބް ވަނީ 115 ލަނޑު ހަދައި މެޗުން މޮޅުވެފައެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ރިފްދީ ވަނީ 41 ލަނޑު ހަދައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް ރިފްދީއެވެ. މި ލީގުގައި ވާދަކުރަނީ 8 ޓީމެވެ.