ކުޅިވަރު

މިސަރުކާރުން ސާފިން ކުރިއެރުވުމަށް އިސްކަންދޭ - މަހުލޫފް


ރާޅާއެޅުންވެސް ކުރިއަރުވަން މިސަރުކާރުން މަސައްކަތް ކުރާނެކަމަށް ޔޫތު މިނިސްޓަރ އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަޚްލޫފް މިހެން ވިދާޅުވެފައިވަނީ ޤައުމީ ރާޅާއެޅުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މަޚްލޫފް ވިދާޅުވީ މިސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާކަމަށާއި ވަކި ކުޅިވަރެއް ބެލުމެއް ނެތި ހުރިހާ ކުޅިވަރަކަށްވެސް ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރައްވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ކުރިއަރުވާނީ ހަމައެކަނި ފުޓްބޯޅަ ނޫންކަމަށެވެ. ނަމަވެސް މިއީ ވަރަށް ގިނައިން ޔޫތު މިނިސްޓަރުގެ ހައިސިއްޔަތުން ކުރިމަތިވާ ސުވާލެއްކަމަށެވެ. މިކަމަށް ޖަވާބުދެއްވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވީ މިސަރުކާރުން އެހެން ހުރިހާ ކުޅިވަރެއްވެސް ކުރިއަރުވަން މަސައްކަތް ކުރާކަމަށާއި މިކަމުގެ އެންމެ ބޮޑު ހެއްކަކީ ނިމިގެންމިދިޔަ ސީސްޕޯޓްސް ރަންނަމާރި ޗެލެންޖް ރާޅާ އެޅުމުގެ މުބާރާތްކަމަށެވެ. އަދި އެހެން ސަރުކާރަކުން ނުކުރާ މިންވަރަށް މިސަރުކާރުން ރާޅާއެޅުމުގެ ހަރަކާތައްވެސް ހަރަދުކޮށްފައިވާކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

"ދެންމެ އެތާ އަޑުއަހަން އިންއިރު (އިއްޔެގެ އިވެންޓްގައި އިންއިރު) އަހުސަން ގޮވާ އަޑުއިވޭ މިއީ މާ ބޮޑު ޚަރަދެއް ހިނގާ ކަމެއް ނޫނޭ (ކުޅިވަރުގެ) ފެސިލިޓީސް ޑިވެލޮޕްކޮށް ހަދަން. ދެންމެ އަޅުގަނޑު އަމީރު (ފިނޭންސް މިނިސްޓަރު) ކައިރީގައި އިނދެފައި މި ބުނީ ގދ. ގައްދޫގައި އަޅާ ސާފް ޓްރެކްގެ އަގު 3.4 މިލިއަން ރުފިޔާއޭ. އަޅުގަނޑު މިއީ ރާޅާ އަޅާ މީހެއް ނޫން. ސާފިން އެސޯސިއޭޝަނުން އަޅުގަނޑު ގާތަށް އައިސްފައި ހަމަގައިމުވެސް ހުސްއަތާ ދާން ނުޖެހޭނެކަން ސާފިން އެސޯސިއޭޝަނަށް އެނގޭނެ،" މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

މި އަންނަ އަހަރު ރާއްޖޭގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.