ޚަބަރު

ވެމްކޯއާއި އެމްޕީއެލް ފައިނަލަށް


ފަހަތުން އަރާ ދިވެހި ސިފައިންގެ ކްލަބު ބަލިކޮށް ވެމްކޯގެ ޓީމުން މިހާރު ކުރިޔަށްދާ ކްލަބް މޯލްޑިވްސްގެ ފުޓްސެލް މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

ކްލަބް މޯލްޑިވްސް "18/30 ވިމެން ފުޓްސަލަ ފިއެސްޓާ"ގެ ނަމުގައި ކުރިއަށްގެންދާ އަންހެން ޑިވިޝަންގެ ސެމީ ފައިނަލަށް ރޭ ސިފައިންގެ އަންހެން ޓިމު ނުކުތީ އެއްވެސް މެޗަކުން ބަލިނުވެ ރިކޯޑް މޮޅަކާއި އެކުއެވެ. ރޭގެ މެޗު ފަށައިގެން މެޗްގެ ފުރަތަމަ ހާފުގައި ސިފައިންގެ ކުލަބުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗް ފެށިތާ 5 މިނެޓްގެ ތެރޭގައި ސިފައިންގެ ޓީމަށް ކުޅޭ ބަންގްލަދޭޝްގެ މަތުސުޝިމާ ގޯލެއް ޖަހާ މެޗްގެ ލީޑުވަނީ ނަގާފައެވެ. އެހެންނަމަވެސް އެ ލީޑު މާގިނައިރަކު ނުހިފެހެއްޓުނެވެ. އޭގެ މިނެޓެއް ފަހުން ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ވަނަޕޯން ކަސޭސީ ގޯލެއް ޖަހާ މެޗްގެ ނަތީޖާ ހަމަކުރިއެވެ.

މެޗްގެ ފުރަތަމަ ހާފު ސިފައިންގެ ޓީމުން ނިންމާލީ އިތުރު 3 ލަނޑު ޖަހާ 4-1 ގެ ނަތިޖާއަކުން ކުރީގައި އޮވެއެވެ. މި ލަނޑުތައް އެޓީމަށް ޖަހާދިނީ ސުމައްޔާ އާއި އެޓީމުގެ ކެޕްޓަން މަތިޔަމް ރިޔާ އެވެ.

މެޗްގެ ދެވަނަ ހާފްގައި ވެމްކޯއިން ފެށީ މުޅި ޓިމު ކުރިޔަށް ޖައްސާލައިގެންނެވެ. ނަތީޖާއެއްގެ ގޮތުން ދާދި ގާތްގަތުގައި ދެ ގޯލް ޖަގާ ސިފައިންގެ ޓީމުގެ ލީޑު ހަނިކޮޮށްލިއެވެ. މިލަނޑުތައް ވެމްކޯއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މަރިޔަމް ނޫރާ އާއި ތައިލެންޑް ކުޅުންތެރިޔާ ޑަރިކާއެވެ.

ވެމްކޯއިން ކުޅުން ރަގަނޅުކޮށް ކުޅެމުންދަނިކޮށް، ސިފައިންގެ ކުލަބްގެ ކެޕްޓަން ރިފާވަނީ ގޯލްއެއް ޖަހާ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިލަނޑަށްފަހުވެސް ސިފައިންގެ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ސިފައިންގެ ޓީމުން އުފެއްދި ގިނަ ހަމަލާތަށް ހުއްޓުވާފައިވަނީ ވެމްކޯގެ ކީޕަރު ހަދީޖާ އިބްރާހިމްއެވެ. މިމެޗްގައި ހަދީޖާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ދެ ގޯލްގެ ލީޑެއްގައި ކުޅެމުން ދިޔަ ސިފައިންގެ ޓީމާއި ވެމްކޯ ޓީމުން އަރާ ހަމަކުރީ 2 މިނެޓްގެ ތެރޭގައި ދެ ގޯލް ޖަހައިގެންނެވެ. މެޗްގެ ފަހު 6 މިނެޓްގެ ތެރޭގައި މި ދެ ގޯލް ޖަހާދިނީ ވެންމްކޯގެ ޑަރިކާ އާއި ކެޕްޓަން ޝަހުލާއެވެ. އަދި ވެމްކޯއިން މިމެޗްގައި ލީޑް ނެގީ މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ބިދޭސީ ކުޅުންތެރިޔާ ޑަރިކައެވެ. އަދި ވެމްކޯގެ ލީޑް އިތުރަށް ފުޅާކޮށްދީ އެޓީމަށް ފައިނަލްގެ ޖާގައެއް ޔަގީންކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ޝަހުލާއެވެ.

މިމުބާރާތުގައި ރޭ ކުޅުނު ދެވަނަ ސެމީ ފައިނަލްގެ މެޗް ޕޮލިސް ކުލަބްގެ މައްޗަށް އެންމެ ފަހުގެ ޗެންޕިއަން އެމްޕީއެލްއިން ކުރި ހޯދީ 3 ލަނޑު 0 ލަނޑުންނެވެ. މިމެޗް ފެށިގެން 3 ވަނަ މިނެޓްގައި އެމްޕީއެލްގެ ތަޖިކިސްތާން ކުޅުންތެރިޔާ މަދީނާ ފަޒިލޯ ވަނީ އެޓީމްއަށް ލީޑް ނަގާދީފައެވެ. އެމްޕީއެލްއިން ލީޑް ނެގުމާއެކު، ޕޮލިސް ކުލަބްއިން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެމްޕީއެލްއިން ވަނީ ޕޮލިސް ކުލަބްއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ހުއްޓުވާފައެވެ. ޕޮލިސް ކުލަބްގެ ފާތުމަތު ތީބާއާއި ފަދުވާ ޒާހިދުއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމްއަށް ހިފޭ ގޮތެއް ނުވިއެވެ. އަދި ޕޮލިސް ކުލަބްގެ ބިދޭސީ ދެ ކުޅުންތެރިންކަމަށްވާ ލެބަނަންގެ ނޭންސީ އާއި ސެލީންއަށްވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއްވެސް ނުވިއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ އެމްޕީއެލް ކުރީގައި އޮވެގެންނެވެ.

މެޗްގެ ދަވަނަ ހާފްގައި ޕޮލިސް ކުލަބްއިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، ގޯލްއެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެޓީމްއަށް އެމްޕީއެލްގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އެމްޕީއެލްއިން މެޗްގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗް ނިމެން ދަނިކޮށެވެ. މިދެ ލަނޑު އެމްޕީއެލްއަށް ކާމިޔާބުކޮށްދިނީ ކެންޓަން ފާތިމަތު ޝަހުލާ އާއި ޖޫޒާން ޒަރީރްއެވެ.

މިމުބާރާތުގެ ފައިނަލްގައި ވެމްކޯ އާއި އެމްޕީއެލް ވާދަކުރާއިރު، މިއީ އެއް ގުރޫޕްގައި ހިމެނުނު ދެ ޓީމެވެ. މި ދެ ޓީމް ގުރޫޕް ސްޓޭޖްގައި ދެ ފަހަރު ބައްދަލުކޮށްފައިވާއިރު ފުރަތަމަ މެޗް 1 ލަނޑު 1 ލަނޑުން އެއްވަރުވީއިރު، ދެވަނަ މެޗް އެމްޕީއެލް ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 1 ލަނޑުންނެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހު ރޭގައެވެ.