ކުޅިވަރު

ސީދާ 3 ސެޓުން ރާއްޖޭގެ ޓީމް ހައިދަރުއާބާދު ޓީމް ބަލިކޮށްފި


ސެންޓްރަލް ޒޯން ވޮލީ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމް އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ތިންވަނަ މެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފިއެވެ. ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތަށް ތައްޔާރުވުމަށް ގައުމީ ވޮލީ ޓީމްވަނީ އަވަށްޓްރި ސްރީލަންކާއާއި ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. މިތިން މެޗުންވެސް ގައުމީ ޓީމް ބަލިވެފައިވީނަމަވެސް، އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްއާއި ވާދަކުރި ތިން މެޗްވެސް ރާއްޖޭގެ ގައިމީ ވޮލީ ޓީމް ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ފުރަތަމަ ދެ މެޗް 3 ސެޓް 1 ސެޓުން ކާމިޔާބުކުރިނަމަވެސް، އިއްޔެގައި ކުޅުނު ފަހު މެޗް ވޮލީ ޓީމް ކާމިޔާބުކޮށްފައިވަނީ ސީދާ 3 ސެޓުންނެވެ.

ހައިދަރުއާބާދު ސްޕައިކާސްއާއި ދެކޮޅަށް ކުޅުނު ތިންވަނަ މެޗް ގައުމީ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-22، 25-22 އަދި 25-22ހުންނެވެ. ދެ ވަނަ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ހައިދަރުއާބާދު ޓީމުގައި ހިމެނޭ އިންޑިއާ ގައުމީ ޓީމުގެ ކުޅުންތެރިޔާ، އަޖޭ ޗޯދުރީ ތިންވަނަ މެޗުގައި ނުކުޅެއެވެ. ފުރަތަމަ ސެޓްގެ ކުރީކޮޅުގައި ހައިދަރުއާބާދު ޓީމުން މޮޅު ކުޅުމެއްދައްކާ 5 ޕޮއިންޓްގެ ލީޑެއް ނެގިއެވެ. މިސެޓްގައި ރާއްޖޭގެ ކުލަބްތަކަށް ކުޅެފައިވާ އަނޫޕް ޑިކޯސްޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ހައިދަރުއާބާދު ޓީމުން ފަސް ޕޮއިންޓްގެ ލީޑެއް ނެގުމާއެކު ރާއްޖޭގެ، ޓީމުން ކުޅުން ރަގަނޅުކޮށް، ފަހަތުން އަރާ އެއްވަރުކުރިއެވެ. އަދި ޢަލީ ހުޒާމްގެ ރަގަނޅު ހަމަލާއަކުން ރާއްޖެއިން މެޗްގެ ފުރަތަމަ ސެޓްގައި ފުރަތަމަ ފަހަރަށް ލީޑް ހޯދިއެވެ. މިއަށްފަހު މިސެޓްގައި ހައިދަރުއާބާދު ސްޕައިކާސްއަށް މާބޮޑ ލީޑެއް ނެގޭ ގޮތެއް ނުވިއެވެ. ދާދި އެއްހަމައެއްގައި ކުޅެމުންގޮސް ރާއްޖެއިން މިސެޓް ކާމިޔާބުކުރީ 25-22އިންނެވެ.

މެޗްގެ ފުރަތަމަ ސެޓްއެކޭ އެއްގޮތަށް މެޗްގެ ދެވަނަ ސެޓްގައިވެސް ހައިދަރުއާބާދު ސްޕައިކާސްއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެޓީމްގެ ވަރުގަދަ ހަމަލާތަކާއެކު ދެވަނަ ސެޓްގެ ކުރީކޮޅުގައި ލީޑް ކުރަމުންދިޔައެވެ. މިސެޓްގައި ރާއްޖެއަށް އެއްވަރު ކުރެވުނީ 10 ޕޮއިންޓާއި ހަމައިންނެވެ. ދެވަނަ ސެޓްގެ ކުރީކޮޅުގައި ހައިދަރުއާބާދު ޓީމުން ލީޑުގައި އޮވެގެން ކުޅުނުނަމަވެސް، ރާއްޖޭގެ ޓީމުން ކުޅުން ރަގަނޅުކޮށް މިސެޓްގައި 11 ޕޮއިންޓާއި ހަމައިން ލީޑް ކުރިއެވެ. މިސެޓްގައި ރާއްޖޭގެ ހަސަން ނިލާމާއި އާދަމް ނަސީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކްތަކެއްގެ ފައިދާނަގައި ހައިދަރުއާބާދު ޓީމުން ރާއްޖެއަށް ލިބިފައިވާ ލީޑް ހަނިކުރިއެވެ. އަދި ސެޓްގެ މެދަކާއި ހަމައަށް އައިއިރު ރާއްޖެއިންވަނީ އެއް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެއީ 16-15އިންނެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މިސެޓްގައި ރާއްޖެއަށް ކުރި ލިބުނީ ރާއްޖޭގެ ޓީމުން ނެގައި ބަދަލްތަކުގެ ފައިދާ ޓީމަށް ކުރުމުންނެވެ. ސެޓްގެ ފަހުކޮޅުގައި ރާއްޖޭގެ ގިނަ އެޓޭކްތައް ދިޔައީ ވަރަށް ކާމިޔާބުކޮށެވެ. މިސެޓްވެސް ރާއްޖެއިން ކާމިޔާބުކުރީ 25-22އިންނެވެ.

މެޗްގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކުރުމާއެކު، މެޗްގެ ތިންވަނަ ސެޓާއި ރާއްޖޭގެ ޓީމުން ކުރިމަތިލީ ވަރަށް ބޮޑު އިތުބާރަކާއެކުއެވެ. ތިންވަނަ ސެޓްގައި ރާއްޖެއިން ބޮޑުބައި ކުޅެފައިވަނީ ލީޑުގައި އޮވެގެންނެވެ. ރާއްޖޭގެ ޓީމްގެ އެޓޭކްތަކުގެ އިތުރުން މިސެޓްގައި ރަގަނޅު ބްލޮކްތަކެއްވެސް، ރާއްޖެއިން ޕޮއިންޓްތަކެއް ހޯދިއެވެ. މިސެޓްގައި ރާއްޖޭގެ ކެޕްޓަން އިސްމާޢީލް ސާޖިދުގެ މޮޅު ކުޅުން ފާހަގަކޮށްލެވުނެވެ. މެޗްގެ ތިންވަނަ ސެޓްވެސް ރާއްޖެއިން ކާމިޔާބުކުރީ ފުރަތަމަ ދެ ސެޓެކޭއެއް ގޮތަށް 25-22އިންނެވެ.

މިމެޗު ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ ސަފީރު މުނޫ މަހާވަރުއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗް ނިމުމާއެކުވަނީ މި މެޗަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ލަކީޑްރޯ އިން ދިމާވި ފަރާތްތަކުގެ ނަން ވަނީ އިއުލާނުކޮށްފައެވެ. ލަކީޑްރޯއިން ނެގީ ގައުމީ ޓީމުގެ ޖޯޒީ ލިބޭ ދެ ފަރާތާއި މި މަހު ބަންގްލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯންގެ މެޗެއް ބަލާލަން ދެކޮޅު ޓިކެޓް ލިބޭ ހަތަރު މީހުންނެވެ.