ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމާއި ދެކޮޅަށް މާލޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް މަޝްވަރާކޮށްފައިވާކަމަށް ޔޫތު މިނިސްޓްރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓަރ މިހާރު ގެންދަވަނީ ބަންގްލަދޭޝްގެ ކުޅިވަރުގެ އެކިއެކި އެސޯސިއޭޝަންތަކާއެކު އެގައުމުގައި ބައްދަލުކުރައްވަމުންނެވެ. ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދެޝްއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަނާއެކު ބޭއްވި ބައްދަލުވުމުގައި އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ފުރުސަތު ލިބުނީ ރާއްޖެ އާއި ބަންގްލަދޭޝާ ދެމެދު ވެވުނު އެކްސްޗޭންޖް ޕްރޮގްރާމްގެ އެއްބަސްވުމުގެ ދަށުންނެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކުޅިވަރަށް ފައިދާކުރާނެ ގިނަ ކަންތައްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މިނިސްޓަރު މަހުލޫފް ވަނީ ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މޭޔަރު އަތީގުލް އިސްލާމާ ބައްދަލުކުރައްވައި ރާއްޖޭގެ ވޮލީބޯޅަ އަށް ފުރުސަތުތައް ފަހިކުރެވޭނެ އިތުރު ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވައިފައެވެ.
އެންމެ ފަހުން ނިމިގެންދިޔަ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ކުރިއަށް ގޮސްފައިވަނީ ބަންގްލަދޭޝްގައެވެ. އެމުބާރާތުގައި ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމް ވާދަކޮށްފައިވެއެވެ. ސެންޓްރަލް ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީ ޓީމު ވަނީ ލަންކާއާއި ދެކޮޅަށް މާލޭގައި އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. އަދި 2019ވަނަ އަހަރުގެ އޯގަސްޓް މަހުގައިވެސް މާލޭގައިވަނީ އެކުވެރިކަމުގެ ތިން މެޗް ލަންކާއާއި ދެކޮޅަށް ކުޅެފައެވެ. މިދެ ފަހަރުވެސް ލަންކާ ޓީމް މާލެ ގެނައުމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
ލަންކާ މެޗަށްފަހު ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ދިއުމުގެ ކުރިން ގައުމީ ޓީމް ރާއްޖެއިން ބޭރުގައި ކޭންޕް ކުރުމަށް މަސައްކަތް ކުރިއެވެ. އެގޮތުން އިންޑިޔާގައި ކޭންޕް ކުރުމަށްވެސް ހަމަޖެހުނެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ގިނަ ތަންތަނަށް ދަތުރު ކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ، މިނިސްޓްރީގެ އެހީތެރިކަމާއެކު އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސް ޓީމު ވަނީ މާލެ ގެނެސް އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ.
މިއަންނަ އަހަރުގެ ސެންޓްރަލް ޒޯން ފިރިހެން އަދި އެންހެން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ލިބިފައެވެ. މީގެ ކުރިންވެސް ރާއްޖެއިން ވަނީ މިދެ މުބާރާތް ހޯސްޓްކޮށްފައެވެ.