ކުޅިވަރު

ކޮމަންވެލްތު ދަންމަރު ރާއްޖެ އައުމަކީ ލިބުނު ފަޚުރެއް - ތަމޫ


ބަރމިންގހަމް 2022 ކްއީންސް ބެޓްން ނުވަތަ ކޮމަންވެލްތު ގޭމްސްގެ ދަންމަރުގެ ހަރަކާތްތައް އަތޮޅު ތެރޭގައި ކުރިއަށް ގެންދިޔައީ، މިއީ މުޅި ރާއްޖެ ހިމެނޭ ގޮތަށް އެކުލެވޭ ގޭމްސްއަކަށް ވާތީކަމަށް ކޮމަންވެލްތު ގޭމްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލް ތަމޫޙު އަޙުމަދު ސައީދު ވިދާޅުވެއްޖެއެވެ. އާންމުކޮށް ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ކުރިއަށް ގެންދަނީ މާލޭގައެވެ. އަދި ބޮޑެތި މުބާރާތްތަށްވެސް ކުރިއަށްގެންދަނީ މާލޭގައެވެ.

ކޮމަންވެލްތު ގޭމްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލް ތަމޫޙު ވިދާޅުވީ ކޮމަންވެލްތަކީ މުޅި ރާއްޖެ ހިމެނޭގޮތަށް ބައިވެރިވެފައިވާ ޖަމިއްޔާއެއްކަމަށާއި އަދި ކޮމަންވެލްޓް ގޭމްސްގައި ބައިވެރިވަނީ ގައުމީ ޓީމުތަކުންކަމަށެވެ. ބަރމިންގހަމް 2022 ކްއީންސް ބެޓްން ނުވަތަ ކޮމަންވެލްތު ގޭމްސް ދަންމަރުގެ ހަރަކާތްތައް ތިން ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ. ތަމޫހު ވިދާޅުވީ ދަންމަރުގެ ހަރަކާތްތައް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިކަމަށާއި ނަމަވެސް ކޯވިޑް-19ގެ ސަބަބުން ބައެއް ހަރަކާތްތައް އެންމެ ފަހު ވަގުތު ކެންސަލް ކުރަން ޖެހުނީކަމަށެވެ.

"ގިނަ ރަށްރަށުގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވާހަކަދެކެވުނު، ނަމަވެސް ހއ އާއި ހދ.ގެ ރަށްތަކުން މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ކުޅުދުއްފުށި އަދި އުތީމުގައިވެސް ހަރްކާތްތައް ކުރިއަށް ގެންދިއުމަށް ރޭވުނު. އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެރަށުގައި ދަންމަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމި، ނަމަވެސް ކޯވިޑް-19ގެ ހަލަތާއި ގުޅިގެން އެންމެ ފަހު ވަގުތު ޖެހުނީ މިދެ ރަށުގެ ހަރަކާތްތައް ކެންސަލް ކުރަން. މިހާރު ދަންމަރުގެ ހަރަކާތްތައް ހިންގި ތިން ރަށުގައިވެސް ވަރަށް ފުރިހަމައަށް ހަރަކާތްތައް ކުރިއަށް ގެންދެވުނު. މިއީ ރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމާއެކު ކުރިއަށް ގެންދެވުނުކަމެއް." ތަމޫޙު ބުންޏެވެ.

މިސަރުކާރުން ކޮމަންވެލްތުގައި ބައިވެރިވުމާއެކު، ރާއްޖެއަށް މިހާރުވަނީ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައެވެ. ކޮމަންވެލްތު ގޭމްސްގެ ދަންމަރު ރާއްޖެ އައުމާއެކު އެދަންމަރަށް މަރުބަހާ ދަންނަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި ދަންމަރު އާއުމާއެކު އެދަންމަރަށް މަރުހަބާ ކިއުމާއި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުން ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމުގެގޮތުން ވަނީ އެކަމަށްޓަކައި ހާއްސަ މިއުޒިކް ޝޯއެއްވެސް ބާއްވާފައެވެ. މިޝޯގައި އާންމުންނަށް ދަންމަރު ދައްކާލާފައިވާއިރު، ދަންމަރާއެކު ފޮޓޯ ނެގުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.