މާޗް މަހުގެ ތެރޭގައި ލަންކާގައި ބައިނަލަގްވާމީ މުބާރާތެއް ބޭއްވުމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށާފައިވާކަމަށް މީޑީޔާ ތަކުން ރިޕޯޓް ކުރަން ފަށައިފިއެވެ. މިމުބާރާތް ލަންކާއިން ބާއްވަން ގަސްތުކުރަމުންދަނީ މާޗް މަހުގެ ފީފާ ކަލަންޑަރުގެ ތާރީހުގެ ތެރޭގައެވެ.
އެގައުމެއގެ ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން ލަންކާއިންވަނީ މިދިޔަ ނޮވެމްބަރު މަހު ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ ޓްރޮފީގެ ނަމުގައިވަނީ ފޯ ނޭޝަންސް ކަޕެއްވެސް ކުރިއަށް ގެންގޮސްފައެވެ. މިމުބާރާތުގައި ރާއްޖެވެސް ކުޅުމުގެ ފުރުސަތު އެބައޮތެވެ. ފޯ ނޭޝަންސް ކަޕްގައި ކުޅެފައިވަނީ މުބާރާތް ބޭއްވި ގައުމު ލަންކާ އާއި ރާއްޖޭގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝްއެވެ. ލަންކާގެ ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް ޖޭސްވާރު އުމަރު ކުރައްވާ މަސައްކަތުގެ ތެރެއިން އިންޓަނޭޝަނަލް ކަލަންޑަރުގައި ލަންކާ އަށް މެޗުތަކެއް ހޯދައިދިނުން އެއީ ރައީސްގެ ވައުދެކެވެ.
މާޗް މަހު ލަންކާއިން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި، އެންމެ ފަހުން އެގައުމުގައި ބޭއްވި ފޯ ނޭޝަންސް ކަޕް ކުޅުނު ޓީމުތައް މިމުބާރާތުގައި ކުޅެފާނެކަމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންއިން މަޢުލުމާތުދީފައިވާކަމަށް ބައެއް މީޑީޔާތަކުން ރިޕޯޓް ކޮށްފައިވެއެވެ. ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވަނީ މާޗް މަހުގައި ލަންކާގައި އޮންނަ މުބާރާތުގައި ރާއްޖެ ފެނިދާނެކަމުގެ އިޝާރާތެއްވެސް މިހާރު ކޮށްފައެވެ.
ލަންކާގައި ނިމިގެންދިޔަ ފޯ ނޭޝަންސް ކަޕަކީ މިހާރުގެ ގައުމީ ކޯޗް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗްކަމުގެ ދަށުން ކުޅުނު ފުރަތަމަ ބައިނަލަގްވާމީ ފުރަތަމަ މުބާރާތެވެ. ރާއްޖެއިން މިމުބާރާތް ނިންމާލާފައިވަނީ މޮޅެއް ނުލިބި ލީގު ބުރުގެ ފުލުގައި އޮވެގެންނެވެ.