ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް ކަމަށްވާ ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ގެނެސްފިއެވެ.
މިއީ ބިދޭސީ ކޯޗެއްގެ ދަށުން ގައުމީ ބީޗް ވޮލީ ޓީމް ތަމްރީން ކުރާ ފުރަތަމަ ފަހަރެވެ. މީގެކުރިން މައިގަނޑު ގޮތެއްގައި ގައުމީ ވޮލީ ޓީމަށް އިރުޝާދު ދީފައިވަނީ ދިވެހި ކޯޗުންނެވެ. ގައުމީ ބީޗް ވޮލީ ޓީމަށް އުމުރުން 37 އަހަރުގެ ވިނީޝިއުސް ހަމަޖައްސާފައިވާއިރު، މިއީ ގައުމީ ބީޗް ވޮލީ ޓީމަށް މިހާތަނަށް ހަމަޖައްސާފައިވާ އެންމެ މަތީ ފަންތީގެ ކޯޗެވެ.
މިއީ ދާދި ފަހުން އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ ވަޑައިގެންނެވި ދަތުރުގައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ހަމަޖެހިގެން ދިޔަ ކަމެކެވެ.
ފިޒިކަލް ޓްރެއިނިން އާއި ސްޓްރެންތު ޓްރެއިނިންއިން އެންމެ މަތީ ފާސް ހާސިލްކޮށްފައިވާ ކޯޗު ވިނީޝިއުސް އަކީ ބީޗްވޮލީބޯޅައިގެ އިތުރުން އިންޑޯ ވޮލީބޯޅައިގައިވެސް ކޯޗިންގެ މަސައްކަތް ކުރާ ފަރާތެކެވެ. ވިނީޝިއުސް ވަނީ ބްރެޒިލްގެ ގިނަ ކްލަބްތަކަށް އިންޑޯ ވޮލީ ކުޅެފައެވެ. މީގެއިތުރުން އޭނާ ވަނީ އިންޑޯ ވޮލީގައި ބްރެޒިލާއި ޔޫއޭއީ ޓީމުތަކުގެ ފިޓްނަސް ޓްރެއިނަރެއްގެ ޒިންމާ އަދާކޮށްފައެވެ. އަދި ބީޗް ވޮލީބޯޅަ ހެޑް ކޯޗެއްގެ ގޮތުގައި ބްރެޒިލްގެ ގައުމީ އަންހެން އަދި ފިރިހެން ބީޗް ވޮލީބޯޅަ ޓީމުގައިވެސް އޭނާ މަސައްކަތް ކޮށްފައެވެ. .
އެފްއައިވީބީ ބީޗްވޮލީ ޓުއާގެ މުބާރާތެއް އަންނަ އަހަރު ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ޝެޑިއުލްކޮށްފައެވެ. ރާއްޖޭގައި ބޭއްވޭ ބީޗްވޮލީ ޓުއާގެ މެޗުތައް ކުރިއަށްދާނީ މި އަހަރުގެ އޮކްޓޫބަރު 13 އިން 16 އަށެވެ. މީގެކުރިން ރާއްޖޭގައި ވަނީ 2015 ވަނަ އަހަރު އޭވީސީ ބީޗްވޮލީ މުބާރާތުގެ މެޗުތަކެއް ކުޅެފައެވެ.