ކުޅިވަރު

ޑާމާ މެރަތަންގައި ރިޝްމީއަށް ކުރިއެރުން


ޑާކާ މެރަތަންގައި ދުވެ ޢާއިޝަތު ރިޝްމީ އޭނާގެ އަމިއްލަ ރެކޯޑް މުގުރާލައިފިއެވެ. ޑާކާ މެރަތަންގައި ވާދަކޮށްފައިވަނީ އައިޝަތު ރިޝްމީ އާއި މުހައްމަދު ރަޝީދު (މޯޑް)އެވެ. މިއަދު މެރަތަންގައި ދުވެ ރިޝްމީ މެރަތަން ނިންމާފައިވަނީ 3 ގަނޑިއިރު 26 މިނެޓް 26 ސިކުންތުންނެވެ. އަހުމަދު ރަޝީދު (މޯޑް) މެރަތަން ނިންމާފައިވަނީ 2 ގަނޑިއިރު 45 މިނެޓް 28 ސިކުންތުންނެވެ. މިއާއެކު ރިޝްމީ ވަނީ އޭނާ ކުރިން މެރަތަން ނިންމި ވަގުތަށް ވުރެއް އަވަހަށް މިމެރަތަންގައި ދުވެފައެވެ. މިއީ ރިޝްމީއަށް ލިބުނު ކުރިއެރުމެކެވެ.

ޑާކާ މެރަތަންގައި ވާދަކުރި ރާއްޖޭގެ މުޙައްމަދު ރަޝީދު (މޯޑް) އާއި ޢާއިޝަތު ރިޝްމީ އާއެކު އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަޙުމަދު މުންތަގިމް ވެސް ބައިވެރިވެއެވެ. މިޓީމްގެ ކޯޗަކީ ތަޖްރިބާކާރު ދިގުދުވުންތެރިޔާ ނަސްރުﷲ އަހުމަދެވެ.

ބަންގްލަދޭޝްގައި ކުރިއަށްދިޔަ މި މެރަތަންގައި މޯޑާއި ރިޝްމީގެ އިތުރުން އަހުމަދު ޝަރަފް ވެސް ވާދަކުރާ ގޮތަށް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް، ފަހުން ޝަރަފް ވާދަކުރާ ހާފް މެރަތަން ކެޓަގަރީ ރޭހުން އުނިކުރުމުން އޭނާ އަށް ފުރުސަތު ގެއްލުނީއެވެ. މި މެރަތަންގައި ޝަރަފަށް ވާދަނުކުރެވުނު ނަމަވެސް، ލަންކާގައި ބާއްވާ މެރަތަންގައި ޝަރަފް ބައިވެރިވާނެއެވެ.

ނަސްރު އަކީ ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން އެންމެ ގިނަ މެރަތަން ދުވި ދުވުންތެރިޔާއެވެ. ނަސްރު ވަނީ މިހާތަނަށް 78 މެރަތަންގައި ދުވެފައެވެ. މުހައްމަދު ރަޝީދު (މޯޑް) އާއި ޢާއިޝަތު ރިޝްމީ ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ އަބޫދާބީގައި ކުރިއަށްދިޔަ އެޑްނޮކް އަބޫދާބީ އިންޓަނޭޝަނަލް މެރަތަންގައި ދުވެފައެވެ. ޑާކާ މެރަތަން ޓީމުގެ ކޯޗް ނަސްރުވެސް ވަނީ އަބޫދާބީ އިންޓަނޭޝަނަލް މެރަތަންގައި ދުވެފައެވެ.