ކުޅިވަރު

އީގަލްސްއިން ވެލެންސިޔާއަށް އެއްވެސް ދުލެއް ނުދޭނެ - ޝާޒްލީ


ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ޖާގައެއް ހޯދުމަށް ވެލެންސިޔާއިން އީގަލްސް އާއި ދެކޮޅަށް ނިކުންނައިރު، އީގަލްސްއިން ވެލެންސިޔާއަށް އެއްވެސް ދުލެއް ނުދޭނެކަމަށް ކުލަބް އީގަލްސްގެ ކޯޗް މުޙައްމަދު ޝާޒްލީ ބުނެފިއެވެ. މިމެޗަށް ނިކުންނައިރު ވެލެންސިޔާ އޮތީ ލީގު ތާވަލްގެ އެއްވަނައިގައިވާ މާޒިޔާއާއި އެއްވަރަށް 15 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް ލަނޑުގެ ތަފާތުން ވެލެންސިޔާ އޮތީ ދެވަނައިގައެވެ. ކުލަބް އީގަލްސް އޮތީ 6 ޕޮއިންޓާއެކު ތާވަލްގެ 4ވަނައިގައެވެ.

މެޗްގެ ކުރިން ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗް މުޙައްމަދު ޝާޒްލީ ބުނީ މިއީ މިމުބާރާތުގައި އީގަލްސްއިން ކުޅޭނެ އެންމެ މުހިންމު އެއް މެޗްކަމަށެވެ. ހާއްސަކޮށް މެޗްގެ މުހިންމުކަން އިތުރުވަނީ މިމެޗުން މޮޅުވެގެން ވެލެންސިޔާއަށް ފައިނަލަށް ދެވެން އޮތުމާއެކުއެވެ. ނަމަވެސް އީގަލްސްއަށް ފައިނަލަށް ދިއުމުގެ އުއްމީދު ނެތްނަމަވެސް އީގަލްސްއިން ވެލެންސިޔާއަށް ދޫނުދީ ކުލަބް އީގަލްސްގެ މެޗަށް ނުކުންނާނީ 3 ޕޮއިންޓަށްކަމަށެވެ. އީގަލްސްއިން ބޭނުން ރަގަނޅު ނަތީޖާތަކަކާއެކު މުބާރާތް ނިންމާލަންކަމަށެވެ. ޝާޒްލީ ބުނީ މެޗުގައި ރަގަނޅު ނަތީޖާއެއް ލިބުމަކީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައި ކުލަބް އީގަލްސްއަށް ވަރަށް ބޮޑަށް ފައިދާ ކުރާނެކަމެއްކަމަށެވެ. އަދި ވެލެންސިޔާއާއި ދެކޮޅަށް ނިކުންނާނީ މިވަގުތު އެޓީމުގެ ކުޅެމުންދާ މޮޅު ކުޅުންވެސް ހަދާނުގައި ބަހައްޓައިގެންކަމަށް ކޯޗް ޝާޒްލީ ބުންޏެވެ.

"މެޗްގައި އީގަލްސްގެ ވިސްނުން ހުރީ ތިން ޕޮއިންޓަށް ކުޅުން. ނަމަވެސް މިހެން ބުނާއިރުވެސް އިގޭ ވެލެންސިޔާއަކީ ވަރަށް ވަރުގަދަ ޓީމެއްކަން. އަދި މެޗުގެ މުހިންމުކަމަށް ބަލާއިރު، ވެލެންސިޔާއަށް މުހިންމު މެޗެއް. އެހެންވީމަ މެޗްގެ ޕްރެޝަރު އޮތީ ވެލެންސިޔާއަށް. އީގަލްސްއަށް ޕްރެޝަރެއް ނެތް. މެޗްގެ މުހިންމުކަމާއި އަޅާބަލާއިރު، ވެލެންސިޔާއިން ޕްރެޝަތުގައި ކުޅޭ ކޮންމެ ދަނޑިވަޅެއްގެ ފައިދާ އީގަލްސްއިން ނެގުމަށް ވަރަށް މަސައްކަތް ކުރާނަން. މެޗަށް ތައްޔާރުމިވަނީ ތިން ޕޮއިންޓް ހޯދަންވެގެން. އީގަލްސްއަށް ބަލާއިރު، މިހާރު އީގަލްސްގެ ކުޅުންވަނީ ވަރަށް ބޮޑަށް ރަގަނޅުވެފަ. އެހެންވީމަ މިއީ ކޯޗަށް އޮތް ހިންހަމަޖެހުމެއް." އީގަލްސްގެ ކޯޗް ޝާޒްލީ ބުންޏެވެ.

އަނިޔާގެ ސަބަބުން އެއް އަހަރަށް ވުރެއް ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރެފައި ނިކުތް ކުލަބް އީގަލްސްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަހުމަދު ރިޒުވާން އަނިޔާއިން ރަގަނޅުވެ، ކުޅުމާއި ގުޅުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަމަށްވެސް ކޯޗު ޝާޒްލީ ބުންޏެވެ.