ފަހު މެޗަށް ނުވިސްނާ ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ޖާގާ ޔަގީން ކުރަން ބޭނުންވާކަމަށް މާޒިޔާގެ ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. ޕްރެޒިޑެންޓްސް ކަޕްގައި މިހާރު ކޮންމެ ޓީމަކަށްވެސް އޮތީ ބާކީ ދެ މެޗްއެވެ. މާދަމާ މާޒިޔާ ނިކުންނާނީ ގްރީން ސްޓްރީސްޓްއާއި ދެކޮޅަށެވެ. މިމެޗަށް މާޒިޔާ ނިކުންނައިރު، މިވަގުތު ލީގް ބުރުގެ އެއްވަނައިގައި މާޒިޔާ އޮތީ 15 ޕޮއިންޓާއެކުއެވެ. ކުލަބް ވެލެންސިޔާއަށްވެސް 15 ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން ވެލެންސިޔާ އޮތީ ދެވަނއިގައެވެ. ތާވަލްގެ ތިންވަނައިގައި 12 ޕޮއިންޓާއެކު އޮތީ ގްރީން ސްޓްރީޓްސްއެވެ.
މިމެޗުން މޮޅުވެގެން ގްރީން ސްޓްރީޓްސްއަށް ވެސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ޖާގައެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. މެޗްގެ ކުރިން ވާހަކަދައްކަމުން މާޒިޔާގެ ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާއިން މިހާތަނަށް ކުޅޭ އެންމެ މުހިންމު މެޗްކަމަށާއި މިމެޗްގެ ނަތީޖާވެސް ވަރަށް މުހިންމުކަމަށެވެ. ހާއްސަކޮށް ގްރީންގެ މައްޗަށް ކުރި ހޯދައިގެން އެއް މެޗް އޮއްވާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ޖާގައެއް ޔަގީންވުމަކީ ކޯޗެއްގެ ހައިސިއްޔަތުން ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށެވެ. މޯހަންބުނީ މިހާތަނަށް މިމުބާރާތުގައި މާޒިޔާގެ ކުޅުންތެރިން ދައްކަމުން އައިސްފައިވާ ކުޅުމަށް ބަލާފަ، ގްރީންގެ މައްޗަށް މާޒިޔާއަށް ކުރި ހޯދޭނެކަން ގަބޫލް ކުރާކަމަށާއި ޓީމްގެ ކުޅުންތެރިން ފުރިހަމައަށް އިތުބާރު ކުރާކަމަށްވެސް މާޒިޔާގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.
"އަޅުގަނޑުމެންނަށް އިންނަ ފުރުސަތަކީ ސްކޮޑް ބޮޑުވުން. ރަގަނޅު ކުޅުންތެރިންތަކެއް ތިބުން. އެހެންނަމަވެސް ދަނޑު މައްޗަށް އަރާނީ 11 ކުޅުންތެރިން، އިދިކޮޅުންވެސް އަރާނީ 11 ކުޅުންތެރިން. ގްރީންގައިވެސް ރަގަނޅު ކުޅުންތެރިން އެބަތިބި. ގައުމީ ޓީމްގެ ގިނަ ކުޅުންތެރިން އެޓީމްގައި ނެތްކަމަށްވީނަމަވެސް، ޒުވާން ކުޅުންތެރިންނާއި ތަޖްރިބާކާރު ކުޅުންތެރިންނާއެކު ގްރީން ވަރަށް ވަރުގަދަ. މެޗްގައި ލިބޭ ފުރުސަތުގެ ބޭނުން ހިފަންޖެހޭ، މިފަދަ މެޗްއެއްގައި ވީހާވެސް މިސްޓޭކް މަދުކުރަންޖެހޭ. ޓީމްއާއި ދޭތެރޭގައި ވަރަށް އިތުބާރު އެބައޮތް، ފަސޭހަ މެޗްއަކަށް ނުވާނެ. ވަރަށް ހިތްވަރު ކުރަންޖެހޭ. 90 މިނެޓު އެއް ފެންވަރެއްގައި ކުޅުން ވަރަށް މުހިންމު. މާޒިޔާ ނަމަކީ އެއްވެސް އެއްޗެއް ނޫން ، ދަނޑުމަތީގައި އަރާ ކުރާ މަސައްކަތް ހުރިހާވެސް ކަމަކީ." މާޒިޔާގެ ކޯޗް މޯހަން ބުންޏެވެ.
މޯހަން ބުނީ މާޒިޔާއިން ފަހަކަށް އައިސް ދައްކަމުންދާ ކުޅުމުގެ ސަބަބުންނާއި ގޯލް ޖަހަމުން ދިއުމުގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. ހާއްސަކޮށް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވީހާވެސް ގިނަ ކުޅުންތެރިން މެޗްތަކުގައި ގޯލް ޖަހާތީކަމަށްވެސް މާޒިޔާގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.