ޚަބަރު

މޯލްޑިވިއަންގެ ފްލައިޓްތައް އޮޮންނަ ގަޑިތަކާ ދިމާވާގޮތަށް އާރްޓީއެލް ފެރީތައް ބާއްވަނީ


  • އަމާޒަކީ ހުރިހާ އެއާޕޯޓަކަށްވެސް މި ގޮތަށް ގުޅާލުން ކަމަށް މޯލްޑިވިއަން އިން ބުނޭ

  • ފުރަތަމަ ގުޅާލީ ކޫއްޑޫއަށް ފްލައިޓާއި

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓްތައް އޮޮންނަ ގަޑިތަކާ ދިމާވާގޮތަށް އާރްޓީއެލް ފެރީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންއިން ބުނީ، މާލެއިން ކޫއްޑޫއަށް ކޮންމެ ދުވަހަކު ހެނދުނު އޮންނަ ޝެޑިއުލް ފްލައިޓާއި ދިމާކޮށް ކޫއްޑޫއަށް އާރްޓީއެލް ފެރީ އޮންނާނެ ކަމަށެވެ. އަދި މިއީ ފެށުމެއްކަން ފާހަގަކޮށް މޯލްޑިވިއަންއިން ބުނީ މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އޮންނަ ކޮންމެ އެއާޕޯޓަކަށްވެސް މި ޚިދުމަތް ދިނުމަށް މިހާރު އާރްޓީއެލްއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޫއްޑޫއަށް މިހާރު ކޮންމެ ދުވަހަކުވެސް މޯލްޑިވިއަންގެ Q2260 ފްލައިޓް ދަތުރު ކުރެއެވެ. މި ފްލައިޓް ކުއްޑޫގައި ޖައްސަނީ ހެނދުނު 8:55 ހިސާބުގައެވެ. މި ފްލައިޓާއި ދިމާވާގޮތަށް ގއ. ކޫއްޑޫއިން ގއ. ވިލިނގިލިއަށް ދަތުރުކުރާ އާރްޓީއެލް ފެރީ މިހާރު އޮންނާނެއެވެ. މި ފެރީ ފުރާ ގަޑިއަކީ 9:30 އެވެ.


އެއަރޕޯޓުތައް ހިމެނޭ ބައެއް ސަރަޙައްދުތަކަށް އާރްޓީއެލް ފެރީގެ ޚިދުމަތް ދެމުންދާއިރު، ބައެއް ސަރަޙައްދުތަކުގައި ފްލައިޓް ގަޑިތަކާއި ފެރީ ޝެޑިއުލްތައް ދިމާނުވާކަން އާންމުން ފާހަގަކުރެއެވެ.

އެހެންކަމުން މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލްއާއި އާރްޓީއެލްގެ ފެރީގެ ޚިދުމަތް ގުޅުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އާރްޓީއެލްގެ ޚިދުމަތްވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެގޮތުން މިހާތަނަށް ރާއްޖޭގެ 9 އަތޮޅެއްގައި މި ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އެންމެފަހުން މި ޚިދުމަތް ފަށާފައިވަނީ ނ. އަތޮޅުގައެވެ. އަދި ރ. އަތޮޅާއި ބ. އަތޮޅުގައިވެސް މި ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ފެރީގެ ނިޒާމަކީ މުޅި ރާއްޖެ ދަތުރުފަތުރު އެއް ވިއުގާއަކުން ގުޅާލުމަށް ކުރަމުންދާ މަސައްކަތެކެވެ.