ޚަބަރު

އައިއޯއެމްއިން ރާއްޖެއަށް ސެކިއުރިޓީ ވެރިފައިން ސިސްޓަމެއް ހަދިޔާކޮށްފި





 


އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައިއޯއެމް)އިން ރާއްޖެއަށްޕާސްޕޯޓާއި ވީސާ ފަދަ ދަތުރުކުރުމަށް ބޭނުންކުރާ ލިޔެކިޔުންތަކުގެ ސެކިއުރިޓީ ސިފަތައް ދެނެގަނެވޭނެ ދެ ވެރިފައިން އޮޓޮމޭޓެޑް ސިސްޓަމެއް ހަދިޔާކޮށްފިއެވެ.


 
މިކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ފަރާތުން ސިސްޓަމްތަކާއި ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމްއެވެ.
 
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ، މިއަދު ލިބިގެންދިޔަ ވެރިފަޔަރ ސިސްޓަމްގެ ސަބަބުން ރާއްޖޭގައި މިހާރު ގާއިމް ކުރެވިފައިވާ ބޯޑަރ ކޮންޓްރޯލް ސިސްޓަމް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށާ މިއީ ވަގު ލިޔުންތަކުގައި ގައުމުތަކަށް އެތެރެވުމަށް މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ރާއްޖެ އަށް އެޅުނު ރަނގަޅު ފިޔަވަޅެއްކަމަށެވެ.


މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައިއޯއެމް)ގެ ޕުރޮގްރާމް މެނޭޖަރ އާލިޔާ ހިރްޖީ ވިދާޅުވީ އިބްރާހިމް ނާސިރް އިންޓަރނޭޝަނަލް އެއަރޕޯޓްގައި  ހުންނަ އިމްގެރޭޝަން ކައުންޓަރާއި މާލޭ ހުރަވީ ބިލްޑިންގްގައި ހުނަން އިމިގްރޭޝަން ސެކްޝަނުގައި ބަހައްޓާ އެ 2 ސިސްޓަމުން ދިހަވަރަކަށް ސިކުންތުގެ ތެރޭގައި ވަގުޕާސްޕޯޓް ތަކާ ވީޒާތައް ދެނެގަނެވޭނެފަދަ ގާބިލިއްޔަތުކަން ލިބިފައިވާނެކަމަށެވެ.


 
 


ރާއްޖޭގެ އިމިގްރޭޝަނުންބުނީ، ޕާސްޕޯޓާއި ވީޒާގެ ސެކިއުރިޓީ ސިފަތައް ދެނެގަތުމަށް އަލަށް ގާއިމް ކުރެވޭވެރިފަޔަރ ސިސްޓަމްގެ ސަބަބުން އިމިގްރޭޝަންގެ ފޮރިންސިކް ޑޮކިއުމަންޓް އެގްޒަމިނޭޝަން ލެބް އިތުރަށް ފުޅާވެގެންދާނެކަމަށެވެ.