މިއަދު ރާއްޖެއިން އިތުރު 84 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 30 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 54 މީހުން ޕޮޒިޓިވްވެފައި ވާކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 84 މީހުންގެ ތެރެއިން 26 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 58 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،505 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 52 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،524 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 37 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 30 ދިވެހިންނާއި، 7 ބިދޭސީންނެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 937 އަށް އަރާފައިވާއިރު 307 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 37 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 36 މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، އެކަކަށް އައި.ސީ.ޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2،231 ސާމްޕަލެއް ވަނީ ނަގާފައެވެ.