ދުނިޔެ

ދުނިޔޭގެ ހުރިހާ ބައްރަކަށް ކޯވިޑް ފޯރައިފި


ގިނަ ދުވަސްތަކެއް ވަންދެން ކޯވިޑް ނުފޯރާ އޮތް އެންޓާޓިކާއިން ކޯވިޑް ފެނިއްޖެއެވެ.

ޗިލީގެ އަސްކަރިއްޔާއިން ބުނީ އެންޓާޓިކް ޕެނިންސުލާގައި ހުންނަ އެ ޤައުމުގެ ބާނާޑޯ އޯހިގިން ރިސާޗު ސްޓޭޝަނުން ކޯވިޑް ޖެހިފައިވާ 36 މީހުން ފެނިފައިވާކަމަށެވެ. އޭގެ ތެރެއިން 26 މީހުންނަކީ އަސްކަރީ ސިފައިންކަމަށާއި އަނެއް ދިހަ މީހުންނަކީ އެ ސެންޓަރުގެ މެއިންޓަނަންސް ބައިގައި މަސައްކަތްކުރާ ބައެއްކަމަށް ޗިލީން ބުނެއެވެ. މި އެންމެންވެސް މިހާރު ވަނީ އަނބުރާ ޗިލީއަށް ގެންގޮސްފައެވެ.

އެންޓާޓިކުން ކޯވިޑް ފެނިފައިމިވަނީ އެތަނުގައި ހުންނަ ރިސާޗް ސެންޓަރަށް ބޭނުންވާ ތަކެއްޗާއި މީހުން ގޮވައިގެން ދިޔަ ޗިލީ ބޯޓުން ދަތުރުކުރި ތިން މީހެއްގެ ގައިން ބަލި ފެނިފައިވާކަމަށް ޗިލީން ބުނިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ. އެންޓާޓިކުން މި ބަލި ފެނުމާއި އެކު މިހާރު މިވަނީ ދުނިޔޭގެ ހަތް ބައްރަށް މި ބަލީގެ ވައިރަސް ފޯރާފައެވެ.

އެންޓާޓިކަށް ދިޔަ ޗިލީގެ ބޯޓް އެ ސެންޓަރަށް ދިޔައީ މިދިޔަ މަހުގެ 27 ވަނަދުވަހުއެވެ. ޗިލީގެ ކަންޑުމަތީގެ ސިފައިންގެ އިދާރާއިން ބުނީ އެެންޓާޓިކަށް ތަކެތި ހިފައިގެން ދިޔަ ބޯޓުގައި ދަތުރުކުރި އެންމެންވެސް ދަތުރަށް ފެށި ކޯވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާ ލިބުމުންކަމަށެވެ. އެހެންކަމުން އެމީހުންނަށް ބަލިޖެހިފައިވަނީ އެންޓާޓިކުގައި ހުންނަ ރިސާޗް ސެންޓަރުންކަން ޔަޤީންވާކަމަށް ޗިލީ ސަރުކާރުން ބުނެއެވެ.