"ޕްރައިމް ގޯޑައުން" ގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 3 އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މިހެން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒު ހުންނަ އިމާރާތުގެ ކައިރީގައިކަމަށްވާތީ މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ކޮމިޝަންގެ ރައީސް ވިދާޅުވީ، އިންތިޚާބީ މަރުކަޒުގައި ހުރި ހުރިހާ ލިޔެކިއުންތަކާއި، އެހެން ހުރިހާ ތަކެތިވެސް ރައްކާތެރިކުރެވިފައިވާކަމަށެވެ. އަދި ވޯޓަރސް ލިސްޓުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުން މިވަގުތު މެދުކަނޑާލެވިފައިވީ ނަމަވެސް މާދަމާއިން ފެށިގެން ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްދާނެކަމަށެވެ. އަދި މިހާރު އިންތިޚާބީ މަރުކަޒު ހިނގަމުން އައި އިމާރާތަށް ވަދެ މަސައްކަތް ކުރުމުގެ ހުއްދަ އެމްއެންޑީއެފުން ދެވެންދެން އިންތިޚާބުގެ ހުރިހާ ކަމެއް ހިނގަމުންދާނީ ސޯޝަލް ސެންޓަރުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވިއެވެ.